Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމު އެޕްރީލްގައި ރިލީޒްނުކޮށްފާނެ

ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ރިލީޒް ކުރުން ފަސްކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި މި އެވެ.

މި އަހަރުގެ ކުރީކޮޅަށް ތާވަލުކޮށްފައި ހުރި ބައއް ފިލްމުތަކުގެ ތާރީހުތައް މިހާރު ބަދަލު ކުރަމުން އަންނަ އިރު، ސަލްމާންގެ ފިލްމު ގެންނަން ކުރިން ނިންމާފައި އޮތީ އަންނަ އެޕްރީލް މަހުގެ 17 ގަ އެވެ. އެ ތާރީހުގައި "ބެޓްލް އޮފް ގަލްވާން" ގެނެސްދޭނެކަން އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27 ގައި ސަލްމާންގެ 60 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައިު ދޫކޮށްލުމަށް ފަހު އެވެ.

ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން އަޕޫރްވާ ލާކިއާ ޑައިރެކްޓްކުރާ މި ފިލްމުގެ މަންޒަރުތަކެއް އަދިވެސް ޝޫޓްކުރަން ޖެހިފައި އޮތުމާ އެކު އެޕްރީލަށް ފިލްމުގެ މަސައްކަތްތައް އެއްކޮށް ނިންމައެއް ނުލެވޭނެ އެވެ. މީޑިއާތަކުން ބުނީ "ބެޓްލް އޮފް ގަލްވާން" ގެ ބާކީ މަންޒަރުތައް މި މަހުގެ ފަހުކޮޅު ޝޫޓްކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް މިހާރު ލަފާ ކުރެވެނީ އޮގަސްޓް ހިސާބުގައި ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ސަލްމާން އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅެފައިވާ "ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ފިތުރު އީދުގައި ރިލީޒްކޮށް، ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު "ސިކަންދަރު" އެވެ.