Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޓޫރިސްޓުން އިތުރުވެ، ޗައިނާ އެއްވަނަ އަށް ޖެހިލައިފި

ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ މަގާމަށް ޖެހިލައިފި އެވެ.

މި އަހަރު ފެށުނު ފަހުން އެ ގައުމު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގެ 10 ގައުމުގެ ލިސްޓްގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާ އެވެ. ނަމަވެސް އެ ގައުމު ފަހަތަށް ޖައްސައިލުމަށް ފަހު ޗައިނާ މިހާރު ވަނީ ލިސްޓްގެ އެންމެ ކުރިއަށް އަރައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދަައްކާ ގޮތުން މި މަހުގެ 7 އާ ހަމައަށް ޗައިނާ އިން 35،123 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ އަދަދާ އެކު އެހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ޖުމްލަ 285،127 އަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، 5.3 ޕަސެންޓްގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 270،706 ޓޫރިސްޓުންނެވެ.

ޗައިނާފެ ފަހަތުން ދެވަނައިގައި ރަޝިއާ މިހާރު އޮތީ 35،112 ޓޫރިސްޓުންނާ އެކީގަ އެވެ. އިޓަލީ ތިން ވަނައިގައި އޮތީ 28،676 ޓޫރިސްޓުންނާ އެކީގަ އެވެ.

ގަދަ 10 ގެ ލިސްޓްގައި ދެން ހިމެނެ ގައުމުތަކަކީ އިނގިރޭސިވިލާތް (26،285 ޓޫރިސްޓުން)، ޖަރ،ުމަން (17،390 ޓޫރިސްޓުން)، އިންޑިއާ (10،665 ޓޫރިސްޓުން)، ފްރާންސް (9،779 ޓޫރިސްޓުން)، އެމެރިކާ (7،726 ޓޫރިސްޓުން)، ޕޮލެންޑް (7،529 ޓޫރިސްޓުން) އަދި އޮސްޓްރިއާ (6،140 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.

ރާއްޖޭގައި މިހާރު 179 ރިސޯޓާއި 909 ގެސްޓްހައުސް އާއި 169 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ އަންނަނީ ހިންގަމުންނެވެ. އަދި ޖުމްލަ ބެޑް ކެޕޭސިޓީއަކީ މިހާރު 66،925 އެވެ.