Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އަންނަ އަހަރުން ފެށިގެން ދިވެހި ކޭޝިއަރުން ލާޒިމު

އަންނަ އަހަރުގެ 5 ފެބްރުއަރީން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ ކަމމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތީގައި ދެއްވި ރިޔާސީ ބަޔާނުގަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ 12 މަސް ފަހުން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގއި ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި އެގޮތަޑް ނިންމީ ކެބިނެޓުގައި މަޝްވަރާކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަދަލާ އެކު ކުރިއަށް އޮތް އަހަރުތެރޭ މަދުވެގެން 25،000 ވަޒީފާ ދިވެހިންނަށް ފަހިވާނެ އެވެ.

"މިކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި ވަޒީފާގެ އަހުލާގާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމާއި ވިޔަފާރިވެރިންނާ ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެންހުރި އެންމެހާ އެހީތެރިކަން ސަރުކާރުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 21،174 ވަޒީފާގެ ފުރުސަތު އުފެއްދިފައިވާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކުން އުފެއްދި 6،724 ވަޒީފާ ވެސް ހިމެނޭ ކަމަށެވެ.

ބިދޭސީންނަށް ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ބިދޭސީ ކޭޝިއަރުން ގެންގުޅުން މަނާކުރި އެވެ. އޭރު ދިވެހި 1،000 ކޭޝިއަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކަށް ވެސް ހުޅުވައިލި އެވެ.