Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

ބަންގްލަދޭޝްގެ އިންތިހާބު ބުރާސްފަތީގައި

ބޮޑުވަޒީރު ކަމަށް ލީޑްކުރައްވާ ވަރުގަދަ ފަސް ބޭފުޅަކާ އެކު ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް އެބަދެ އެވެ.

މި އިންތިހާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ބޮޑުވަޒީރު ކަމަށް ނުކުންނަވާފައިވާ އެންމެ ފާހަގަކޮށްލެވޭ ފަސް ބޭފުޅުންނަކީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ ޕީއެންޕީ) ގެ ކެންޑިޑޭޓް ތާރިގް ރަހުމާން، 60، އާއި ބަންގްލަދޭޝް ޖަމާއަތޭ އިސްލާމްގެ ފަރާތުން ވާދަކުރައްވާ ޝަފީގޫރް ރަހްމާން، 67، އާއި އިސްލާމީ އަންދޯލަން ބަންގްލަދޭޝް (އައިއޭބީ) ގެ ފަރާތުން ވާދަކުރައްވާ ސައީދު ރެޒޯލް ކަރީމް، 55، އާއި ޖަތިއާ ޕާޓީގެ ފަރާތުން ވާދަކުރައްވާ ގްލާމް މުހައްމަދު، 77، ގެ ގެ އިތުރުން ކޮމިއުނިސްޓް ޕާޓީ އޮފް ބަންގްލަދޭޝް (ސީޕީބީ) ގެ ފަރާތުން ވާދަކުރައްވާ ކާޒީ ސައްޖާދު ޒާހިރު ޗަންދަން، 43، އެވެ.

މި ބޭފުޅުންގެ ތެރެއިން ތާރިގަކީ މިދިޔަ ޑިސެންބަރު މަހު އަވަހާރަވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލެކެވެ.

އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކުން ވެސް ވަރަށް ފޯރީގައި މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ގާނޫނު ހަދާ މަޖިލީހުގެ 350 ގޮނޑީގެ ތެރެއިން 300 ގޮނޑި އަށް ޖުމްލަ 1،981 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 50 ގޮނޑި އަންހެން މެންބަރުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކެވެ.

ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އާންމު އިންތިހާބުގައި ވޯޓްލުމުގެ ހައްގު ޖުމްލަ 127،695،183 މީހުންނަށް ލިބިގެންވެ އެވެ.

ބަންގްލަދޭޝްގެ މި އިންތިހާބަކީ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓާލަން ކުރިއަށް ގެންދިޔަ މުޒާހަރާ ލީޑްކުރުމުގައި ޒުވާނުން ވަރަށް އިސް ރޯލެއް އަދާކޮށްފައިވާ އިރު، އެ މީހުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނާނެ އިންތިހާބެކެވެ. އަދި މިއީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ޒުވާނުންގެ ނިންމުން ވަރަށް މުހިއްމު އިންތިހާބެކެވެ.

ހަސީނާއާ ދެކޮޅަށް 2024 ގައު ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ އަހަރުގެ އޮގަސްޓް 5 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ގައުމު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ މުހައްމަދު ޔޫނެވެ. ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންފައިވާ އިރު، އޭނަގެ ޕާޓީ، އަވާމީ ލީގަށް މި އަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.