ދަރީންނަކީ މައިންބަފައިންނާ ހަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ. އަދި އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އަހުލާގު ރަނގަޅު ޒިންމާދާރު ބަޔަކަށް ހެދުމަކީ ދަރިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިކަން ކުރުމަށްޓަކައި ކުދިންގެ އަމަލުތަކާއި ގުޅުން އެންމެ އެކަށީގެންވާ ގޮތެއްގައި ބައްޓަންކުރުމުގައި ބެލެނިވެރިންގެ ޒިންމާ ނުހަނު ބޮޑުވެ. ކޮންމެ ބެލެނިވެރިއަކަށް ވެސް ކުދިންގެ އުޅުމާއި ގުޅިގެން ކަންބޮޑުވާނެ ހާލަތްތަކެއް ކުރިމަތިނުވެ ނުދާނެކަން ކަށަވަރެވެ.
އެހެންކަމުން މިފަދަ ހާލަތްތަކުގައި ނުވަތަ ޖުމްލަކޮށް ދަރިން ތަރުބިއްޔަތުކޮށް އަދަބުވެރިކުރުމުގައި ވިސްނަންވީ ނުވަތަ ކަންކުރަންޖެހޭ ގޮތާއި ނުވަތަ ކޮށްގެން ނުވާނެ ކަންކަން އެނގިފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމަކެވެ.
ކުދިން އަދަބުވެރި ކުރުމުގައި ކޮންމެ ބެލެނިވެރިއަކަށް ވެސް އުނދަގޫ ހާލަތްތައް ކުރިމަތިވެއެވެ. ބައެއް ފަހަރު ތުއްތު ދަރިފުޅު ހިތްހަމަނުޖެހިގެން ހުއްޓާ ނުލައި ރޮއިފާނެ އެވެ. ހިތްހަމަނުޖެހިގެން ރުޅިއައިސްފައި ހުންނަ ފުރާވަރު އުމުރުގެ ކުއްޖަކާއި ކުރިމަތިލާންޖެހިދާނެ އެވެ. އަމިއްލަ ނަފްސު ނުވަތަ ރުޅި ކޮންޓްރޯލްކުރަން ދަތިވާ ހާލަތްތައް ކުރިމަތިވެދާނެ އެވެ. މިފަދަ އެއްވެސް ހާލަތެއް ކުރިމަތިވުމުން ކުދިންނާ ދިމާލަށް ހަޅޭއްލަވާ ނުވަތަ ކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމަކީ އޮތް ހައްލެއް ނޫނެވެ.
ކުދިން އަދަބުވެރިކުރުވުމަށްޓަކައި އެކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަސްކޮށްދިނުމާއި، އަދަބު ދިނުމުގެ ބަދަލުގައި ބެލެނިވެރިޔާގެ އިރުޝާދުގެ ދަށުން ޒިންމާތައް ނަގަން ކުދިންނަށް ދަސްކޮށްދިނުމާއި، ނަމޫނާ ދެއްކުމާއި، ކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އެކަންކަމަށް ބެލެނިވެރިން ސަމާލުކަން ދޭކަން ދެއްކުން ފަދަ ކަންކަން ކުރެވިދާނެ އެވެ.
މިކަންކަން ކުރުމަށްޓަކައި ކުރެވިދާނެ މައިގަނޑު ކަންކަމުގެ ތެރޭގައި ކުއްޖާގެ އުމުރާއި އަދި ޤާބިލުކަމަށް ބަލައިގެން ކަންކަން ކުރުވުމާއި، ކުއްޖާ ކުރާ ނުރަނގަޅު ކަންކަމުގެ އަސްލު ދަނެގަތުމުގެ އިތުރުން ބެލެނިވެރިޔާގެ ފަރާތުން ކުއްޖާޢަށް އަޅާލުމާއި ލޯބި ލިބޭ ރަނގަޅު ގުޅުމެއް ޤާއިމުކޮށް ކުއްޖާގެ އިހްސާސްތަކާއި، ޖަޒްބާތުތަކާއި އަދި އަމަލުތައް އެންމެ ރަނގަޅު ގޮތުގައި ބަހައްޓާނެ ގޮތް ބުނެދިނުން ހިމެނެ އެވެ.
މީގެ އިތުރުން ކުދިން އަދަބުވެރިކުރުވުމުގެ ތެރޭގައި ކުދިންގެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ނުތަނަވަސްކަން ކުރިމަތިވެދާނެ ކަންކަމާ ކުދިންނަށް ކުރިމަތިލާން ޖެހިދާނެކަން ވިސްނައި ދިނުމާއި އަދި އަމިއްލަ ނަފްސު ކޮންޓުރޯލް ކުރުމުގެ ހުނަރު ތަރައްޤީކުރުމާއި، ދިރިއުޅުމުގެ ހުނަރު ދަސްކޮށް ދެވިދާނެ އެވެ. އަދި މިކަންކަން ތަންފީޒު ކުރުމަށް ކުދިންނާ ވެސް ވާހަކަ ދައްކައިގެން އަމަލުކުރާނެ އުސޫލުތަކެއް ހަދައި އެއާ އެއްގޮތަށް އަމަލު ކުރަމުން ގެންދަން ވާނެ އެވެ.
ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ގުޅޭގޮތުން އެމެރިކަން އެކަޑަމީ އޮފް ޕީޑިއާޓްރިކްސް (އޭއ.ޕީ)ގެ ޕޮލިސީ ސްޓޭޓްމަންޓްގައި ބުނާގޮތުން ކުއްޖާގެ އުޅުމާއި، އަހުލާގަށް މުހިންމުވާނީ އަދަބު ދިނުމަށް ވުރެ ރަނގަޅު ގޮތްތައް އުނގަންނައި ދީގެންނެވެ.
ދިރާސާތަކުން ދައްކާގޮތުން ކުދިން ގައިގަ ތެޅުން، ޖެހުން އަދި އެހެނިހެން ގޮތްގޮތުން ކުދިންނަށް ދޭ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ކުދިންގެ އުޅުމަށް ހެޔޮ ބަދަލެއް ނާދެ އެވެ. އަދަބުވެރިކުރުމުގެ ގޮތުން ކުދިންނާ ދިމާއަށް ހަޅޭއްލަވާ ނުވަތަ ޖިސްމާނީ އަނިޔާކޮށްގެން ކުދިންގެ އަހުލާޤަށް ނުވަތަ އުޅުމަށް ހެޔޮ ބަދަލެއް އައުމުގެ ބަދަލުގައި އެކަމުގެ ސަބަބުން ދިގު މުއްދަތުގައި ކުދިންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.
އާދަކޮށް ކުދިންނަށް ހަޅޭއްލަވާ ނުވަތަ ޖިސްމާނީ ގޮތުން އަނިޔާވާ ފަދަ އަދަބު ދޭކަމުގައިވާނަމަ އެކުދިން އަދަބުވެރިވުމުގެ ބަދަލުގައި ނުރަނގަޅު ނަތީޖާތަކަކާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ބޮޑުވެ އެވެ. އެގޮތުން ސްކޫލަށް ދިއުން ހުއްޓާލުން، ފިކުރުބޮޑުވުމުގެ ބައްޔަށް ހުށަހެޅުން، މަސްތުވާތަކެތި ބޭނުން ކުރަން ފެށުން، އަމިއްލަ ނަފްސަށް ގެއްލުން ދިނުން އަދި ހިތުގެ ބަލިތައް ޖެހުން ފަދަ ކަންކަން ކުރިމަތިވުން ގާތެވެ.
ކުދިން އަދަބުވެރިކުރުމުގެ ގޮތުން ބެލެނިވެރިން ނުވަތަ ކުދިން ބަލަހައްޓާ ފަރާތްތަކުން އެއްވެސް ހާލަތެއްގައި ކުދިން ގައިގަ ތެޅުން ނުވަތަ ޖެހުމަކީ ކޮށްގެންނުވާނެ ކަމެއްގެ ގޮތުގައި އެމެރިކަން އެކަޑަމީ އޮފް ޕީޑިއާޓްރިކްސްއިން އިރުޝާދު ދެ އެވެ.
އޭގެ ބަދަލުގައި ކުދިންނަށް ޒިންމާ ނަގަން ދަސްކޮށް ދިނުމާއި، އަމިއްލަ ނަފްސު ކޮންޓުރޯލް ކުރަން ދަސްކޮށް ދިނުން މުހިންމެވެ. ކުދިން ގައިގައި ތަޅާ ހަދާކަމުގައިވާނަމަ ކުދިންގެ ގައިގަ އަވަހަށް ރުޅިއަ އުމާއި ހަލަބޮލި ގޮތްތައް އަށަގަންނަ ގޮތްވެ އެވެ.
ކުދިންނާ ދިމާއަށް ހަޅޭއްލަވައި ނުވަތަ ލަދުގަންނުވައިގެންވެސް ހެޔޮ ނަތީޖާއެއް ނުނިކުމެއެވެ. އޭގެ ބަދަލުގައި ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް އޭގޭ ނޭދެވޭ އަސުރު ފޯރައި އެކަން ކުދިންގެ މުޅި އުމުރަށް ދެމިގެންދާ ގޮތް ދިމާވެ އެވެ.
ނޯޓް: މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީގެ ލިޔުމެކެވެ.