ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ކަމަށެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން މީހަކު ޝޯޓު ލިސްޓް ކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި އެ ތިން މީހުންނަކީ ޝަރުތު ހަމަވާ ބައެއްކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޔަގީން ކުރާނެ ކަމަށް ވެސް ބުންޏެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިގުތިސޯދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއި ޕެންޝަން ނުވަތަ އިންވެސްޓްމެންޓުގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން
ހިމެނެ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް މި މަހުގެ 1 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ އެވެ.