Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ގޭންގާ ގުޅުވައި އައްޑޫގެ އަގު ވައްޓާލި ކަމަށް ބުނުމުން ރައްދެއް

ރާއްޖޭގައި ގޭންގް އޮޕަރޭޓް ކުރަނީ ހަމައެކަނި އައްޑޫގައި ކަމަށް ނިންމައި، މި ސަރުކާރުން އައްޑޫގެ އަގު ވައްޓާލާފައިވާ ކަމަށް ވިދާޅުވެ މޭޔަރު އަލީ ނިޒާރު ދެއްކެވި ވާހަކަތަކަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ރައްދު ދެއްވައިފި އެވެ.

ނިޒާރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވީ އިރު، އައްޑު އަށް ކަމެއް ނުކޮށް ދެވުނު ތާނގައި "ތަރައްގީ އަށް" ކޮށް ދެވުނު ކަމަކީ އައްޑު އަކީ ހަމައެކަނި ރާއްޖޭގައި ގޭންގް އޮޕަރޭޓްވާ ތަނެއް ކަމަށް ނިންމައި އައްޑޫގެ އަގު ވައްޓާލުން ކަމަށެވެ.

"އަދި އައްޑޫގެ އިގުތިސާދު ފުނޑާލުން. އައްޑޫ މާކެޓް ކުރުމަށް [ކައުންސިލުން] މި ކުރާ މަސައްކަތަށް ހުރަސް އެޅުން." އައްޑޫގެ ޕްރޮމޯޓް ކުރަން ހާއްސަކޮށްފައިވާ އައްޑޫ: ބިޔޯންޑް އީކްއޭޓާ އަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި އެވެ.

މީގެ ރައްދުގައި އިހްސާން ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި ގޭންގް ހަދައިގެން ކުށް ކުރަން މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ.

"އައްޑޫގެ ޒުވާނުން އެފަދަ ކަންކަމުން ދުރުވެ، އައްޑޫގައި ކުށް މަދުވެ ރައްޔިތުންނަށް އަމާން މާހައުލެއްގައި އުޅެވުން އެއީ މަނިކުފާނު ކަންބޮޑުވާ ކަމަކަށް ވަނީތޯ؟" އޭނަ ވިދާޅުވި އެވެ. "އައްޑޫގައި ގޭންގް ކުށްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅައި، އެކަމުގައި އުޅުނު ކުދިންނަށް ރަނގަޅު ފުރުސަތު ދީ، އައްޑޫ ސޭފް ސިޓީއެއްގެ ގޮތަށް މާކެޓް ކުރަންވީ ނޫންތޯ؟"

އިހްސާން ނިޒާރަށް އިލްތިމާސް ކުރެއްވީ ހާލަތު އޮޅުނުލުމަށާއި ހާލަތު ބަދަލު ކުރައްވަން ޒިންމާ އަދާ ކުރެއްވުމަށެވެ.

ގޭންގްތަކާ ގުޅުވައިގެން އައްޑޫގެ އަގު ވައްޓާލި ކަމަށް މޭޔަރު ވިދާޅުވީ ހިތަދޫގެ ގްރޫޕެއް ކަމަށްވާ ސްކޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ދާދި ފަހުން ހައި ކޯޓަށް ހުށަހަޅާފައިވާތީ އެވެ.