Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި މައުލޫމާތު ދިނުމާ ބެހޭ ބައްދަލުވުމަކަށް ހާޒިރު ނުވެގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމަށް ހާޒިރު ނުވެގެން އައިކޮމުން މިނިސްޓްރީ މިއަދު ޖޫރިމަނާ ކުރީ 700ރ. އިންނެވެ.

އެކަމާ ގުޅޭ ގޮތުން އައިކޮމުން ނެރުނު ބަޔާނެއްގައި ބުނީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ދެ ޝަކުވާއެއް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ބަލަން މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ތާވަލު ކުރުމުން އެ އަޑުއެހުން ފަސްކޮށް ދިނުމަށް މިނިސްޓްރީން އެދުމުން އެ ބައްދަލުވުން އިއް ޔެއަށް ތާވަލުކުރި ކަމަށް ބުންޏެވެ.

ނަމަވެސް އެ ބައްދަލުވުމަށް ވެސް ހާޒިރުވެވެން ނެތް ކަމަށް މިނިސްޓްރީން އެންގުމުން މިއަދަށް އެ ބައްދަލުވުން ތާވަލު ކުރުމުން
ސަބަބެއް ނާންގައި މިއަދު ބައްދަލުވުމަށް މިނިސްޓްރީން ހާޒިރުވެފައެއް ނުވެ އެވެ.

އެހެންވެ ބައްދަލުވުން ކެންސަލް ކުރަން ޖެހި، އައިކޮމުން ބުނީ އެއީ އެތަނުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅުނު ހުރަހެއް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާ ގޮތުން، އައިކޮމް އިން ބާއްވާ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، އެ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އަންގަން ޖެހެއެވެ.

އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ އެއާ ހިލާފުވެފައިވާތީ އެވެ.