Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޓޫރިސްޓުން ނިވާކަން ކުޑަކޮށް އުޅޭތީ ޕެޓިޝަނެއް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވާކަން ކުޑަކޮށް، ބިކިނީ ފަދަ ތަކެތީގައި ބިދޭސީންނާއި ޓޫރިސްޓުން އުޅޭ މައްސަލަ ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މިއަދު އެ ޕެޓިޝަން ހުށަހެޅީ ޝެއިޚް ޒަމްޒަމް ފާރިޝް އިސްވެ ހުންނަވަ އެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ އާންމު ތަންތަނުގައި މިފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަޚްލާޤާއި، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަޤާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.

އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލައެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ޕެޓިޝަންގައި ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ވެސް މިއީ ކުރިމަތިވާ ބޮޑު ހުރަހެއް ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕެޓިޝަނުގައި ތިން ކަމަކަށް ވަނީ އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒު ކުރުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުމުގެ އިތުރަށް އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމެވެ.

މި ޕެޓިޝަންގައި ސޮއި ކުރުމުގެ ފުރުސަތު އާންމުންނަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، ރަށްރަށް ޓޫރިސްޓުން ނިވާކަން ރަށުތެރޭގައި އުޅޭ މައްސަލައިގައި މީގެ ކުރިން ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިކަމާ ގުޅިގެން އެކި ދުވަސްވަރު ޓޫރިޒަމް މިނިސްޓްރީން އުސޫލުތަކެއް ވެސް އެކުލަވާލައި އާންމުކޮށްފައިވެ އެވެ.