ޕާކިސްތާނުގައި ބޭއްވި ނުވަވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ޕެޓްސް ކޮމްޕެޓިޝަންގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ވަނީ ރަން މެޑަލް ހާސިލުކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕެޓްސް މުބާރާތުގައި މިއަހަރު ވާދަކުރި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
މި މުބާރާތުގައި 16 ގައުމަކުން 24 ޓީމު ބައިވެރިވިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި އަސްކަރީ އަހުލާގާއި ބައިވެރިންގެ ހިތްވަރާއި އަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ހާލަތުގައި ޓެސްޓު ކުރާ މުބާރާތެއް ކަމަށެވެ.
ރައީސް ވަނީ ދިވެހި ސިފައިންނަށް ހޫނު މަރުހަބާއެއް ކިޔާ ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފަ އެވެ.