އިއްޔެ ރާއްޖެއަށް 10,000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ރާއްޖެއަށް 10,462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރެކޯޑު އޮތީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ޖުމްލަ 70,801 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 295،500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.