Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ރައީސް ޖަރުމަނަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު އެވެ.

މި ދަތުރުފުޅުގައި ރައީސްޖުމްހޫރިއްޔާ، ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.

ރައީސްގެ މިދަތުރުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީ އަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާ ކުރައްވައި އެ ޔުނިވަސިޓީގައި ތަޤުރީރުކުރައްވާނެ އެވެ. އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގައި ވެސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ދަތުރުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުގައި ޖަރުމަންގައި ބިޒްނަސް ފޯރަމެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ. އެ ފޯރަމްގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ އެވެ.

ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.