މި ވަގުތު ކައްކާ ގޭސް ލިބުމުގައި ހުރި ދަތިތަކަށް އަންނަ ހަފުތާގައި ޙައްލެއް ލިބިގެން ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ، ގޭހަށް ނުޖެހޭނެ ކަމަށާއި 10 ކިލޯގެ ގޭސްފުޅި އަންނަ ހަފުތާއިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ސަޕްލައި ކުރުމަށް ލޮޅުންތަކެއް އަރާފައިވާ ކަމަށާއި ގޭހުގެ ސަޕްލަ އިއަށް އަންނަމުންދާ ބަދަލުތަކާ އެކު ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން، ކޮންޓްރޯލް އަގެއްގައި ގޭސް ވިއްކުމަކީ އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ރައްޔުތުންނަށް ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ގޮތަކަށް ގޭހުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެސްޓީއޯ އިން ބުނީ އަބަދު ވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭސް ލިބޭނެ މަގުތައް ފަހިކުރުމަށް މަސައްކަތްކުރާ ކަމަށާއި މި އަހަރު ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށެވެ.