ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލް ފާސްކުރި ވޯޓްގައި ބައިވެރިވަޑައިގަތް 72 މެންބަރުންގެ ވޯޓާ އެކީގަ އެވެ. ވޯޓްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.
ބިލަށް ވޯޓަށް އެހި އިރު، ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ. އެއީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) އެވެ. އަދި ވޯޓަށް އެހީ އިތު، އެމްޑީޕީގެ ފަސް މެންބަރެއްގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްފައިވާ އިރު، ބާކީ ތިއްބެވި އެ ޕާޠީގެ މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮ ތްތަނުގައި ބާއްވާނީ، ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކީގަ އެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރު 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް އިސްލާޙުގައ ބަޔާންކޮށްފައިވެ އެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެ އެވެ.
މިހާރު ޤާނޫނުއަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ގަ އެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި ބިލެކެވެ.