Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ގާނޫނުއަސާސީއާ ކުޅެނީ ރިޔާސީ ދައުރު ދަންމަން

ސަރުކާރު ބޭނުންވާ ގޮޮތަށް ގާނޫނުއަސާސީއާ ކުޅެމުން ދަނީ ރިޔާސީ ދައުރު ދިގު ކުރުމުގެ ވިސްނުމުގައި ކަމަށްއެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ދައުރު ކުރުކޮށްފި ނަމަ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭތީ އެ ދައުރު ދިގުކުރާނެ ކަމަށެވެ.

މަޖިލީހުގެ ދައުރު ކުރުމަށާއި ބޮޑު ދެ އިންތިހާބު އެއްކޮށް ބާއްވަން މަޖިލީހަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.

މައުރޫފް ވިދާޅުވީ ރައްޔިތުން ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފި ނަމަ، މުހައްމަދު މުއިއްޒަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ހުންނަވާނެ ބޭފުޅެއް ކަމަށެވެ.

"ރައްޔިތުން ވިސްނާ، ރައްޔިތުން އަޅުގަނޑުމެންނާއެކު ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާއަކީ ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް މި ރާއްޖޭގެ މި ވަގުތުގެ ރައީސުލްޖުމްހޫރިއްޔާއަކީ." އޭނަ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ޑިމޮކްރަސީ ރާއްޖެ އަށް އައިސް ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބެނުންކޮށްލަން ލިބޭ ހަމައެކަނި ފުރުސަތަކީ ވޯޓުލުމުގެ ފުރުސަތު ކަމަށެވެ އަދި ހައްގު ނިގުޅައިގަތުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިއަދު ފާސްކުރި ބިލުގައި ވަނީ އަލަށް ދެން ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ކަމަށް ހިމަނައިފަ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ. އެގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ދައުރު ޑިސެމްބަރު 1، 2028، އަށް ހަމަވާނެ އެވެ.