ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު މީގެ 15 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު 'ޒިންދަގީ ނާ މިލޭގީ ދުބާރާ' ގެ ދެވަނަ ބަޔަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އޭނަ މިހާރު ވަރަށް ފޯރީގައި ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ދެބައިކުޅަ އެއްބައި ނިންމާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޯޑް-ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން 'ޒިންދަގީ ނާ މިލޭގީ ދުބާރާ' ގެ ދެވަނަ ބައި ވެސް ހަދާނީ އޭގެ ލީޑް އެކްޓަރުންނާ އެކީގަ އެވެ. އެހެންވެ ކާސްޓުންނާ އަންނަނީ މަޝްވަރާތަކެއް ވެސް ކުރެވެމުންނެވެ.
ދެހާސް އެގާރައިގައި ރިިލީޒްކުރި 'ޒިންދަގީ ނާ މިލޭގީ ދުބާރާ' އަކީ ފިރިހެން ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދިން އެއްޗެކެވެ. މީގެ ބަތަލުންނަކީ ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ޒޯޔާގެ ކޮއްކޮ ފަރުހާން އަޚްތަރެވެ. މި ތަރިންނާ އެކު ފިލްމުގެ ބަތަލާއިންގެ ގޮތުގައި ކެޓްރީނާ ކައިފާއި ކަލްކީ ކޮއެޗްލިން ފެނިފައިވެ އެވެ.
'ޒިންދަގީ ނާ މިލޭގީ ދުބާރާ' ގެ ޑައިލޮގްތައް ފަރުހާން ލިޔެފައިވާ އިރު، ފިލްމުގެ ސްްކްރީންޕްލޭ ލިޔުނީ ޒޯޔާ އާއި ޑައިރެކްޓަރު ރީމާ ކަތުގީ ގުޅިގެންނެވެ.
މީގެ ދެވަނަ ބަޔަށް ތައްޔާރުވާން ފަށާފައި މި ވަނީ މީގެ ކާސްޓުންގެ އިތުރުން ފިލްމު ބެލި ވަރަށް ގިނަ ބަޔަކު ވެސް އެކަމަށް ޑިމާންޑް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ބޮލީވުޑްގެ އެންމެ ވަރުގަދަ އަންހެން ޑައިރެކްޓަރުންގެ ތެރޭގައި މިހާރު ހިމެނޭ ޒޯޔާގެ އެންމެ ފަހުގެ ފިލްމަކީ އަލަށް ފިލްމީ ދާއިރާ އަށް ނެރުނު ޒުވާން ކާސްޓަކާ އެކު 2023 ގައި ގެނެސްދިން 'ދި އާޗީސް' އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި އިންޑިއާ އިން 92 ވަނަ އޮސްކާ އެވޯޑަށް ފޮނުވި 2019 ގެ 'ގަލީ ބޯއި' އަދި 2015 ގެ 'ދިލް ދަޅަކް ނޭ ދޯ' ހިމެނެ އެވެ.