Last Updated: July 3, 11:07
Friday, July 3, 2026
ރިޕޯޓް

އައްޑޫގެ ޕަބްލިކް ޓްރާންސްޕޯޓް ދެވަނަ ފަރާތަކަށް ދިނުން

އެމްވީކޭއިން ޖީމއެމްއާރާއި ދެކޮޅަށް އައްޑޫގަި ކުރި މުޒާހަރާ- އެމވީކޭގެ ހިދްމަތާއި މެދު އާއްމުން ދަނީ ޝަކުވާކުރަމުން-

އައްޑޫގެ ޕަބްލިކް ޓްރާސްޕޯޓްގެ ހިދްމަތް ދެވަނަ ފަރާތަކަށް ދިނުމާއި މެދު ވިސްނަންވެއްޖެއެވެ. ސަބަބީ އައްޑޫގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރު ކުރުމަށް ހަވާލުވި ކުންފުނިން މި ޚިދްމަތް ރައްޔިތުންނަށް ބަރާބަރަށް ފޯރުކޮށް ނުދެވެތީއެވެ.

ދެހާސް ދިހަވަނަ އަހަރުގެ ތެރޭ އެމްވީކޭއާއި ދެކުނުގެ ޓްރާންސްޕޯޓް ހިދްމަތް ފޯރުކޮށްދިނުމަށް ކުރީ ސަރުކާރުން ހަވާލުކުރީ ސ. ގަމުގެ ދޫގަސް ގެސްޓް ހައުސް އެ ކުންފުންޏަށް 25 އަހަރަށް ދޭން އެއްބަސްވެގެންނެވެ. އެހެންވެ އަދިވެސް ދޫގަސް އޮތީ އެމްވީކޭ ބެލުމުގެ ދަށުގައިއެވެ. ނަމަވެސް އެތަނުގެ މުވައްޒަފުންނަށް އުޖޫރަ މަހުން މަހަށް ނުދިނުމުގެ ސަބަބުން އުފެދު މައްސަލައާއި ގުޅިގެން އެހިދްމަތް ވަނީ މެދުކެޑިފައެވެ.

މުވައްޒަފުން އަބަދުމެހެން ތިބެނީ ހައްގުތައް ނުލިބިގެން މުޒާހަރާއަށް ނިކުމެއެވެ. ރައްޔިތުންނަށް އެމްވީކޭ އިން ފޯރުކޮށްދޭ ހިދުމަތްތަކެއް ނުދެވެއެވެ. އެހެންވެ އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތައް އުފުލަން ޖެހިފައެވެ.

މިމައްސަލާ ހެދި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މައްސަލަ ބަލައިދިނުމަށް އެދި ވަނީ ޓްރާންސްޕޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ނަމަކަށް އެމްވީކޭއިންވަނީ ދަތުރުފަށާފައެވެ. ބަސް އޮންނާނެ ގަޑިއެއް ބަސް މަޑުކުރާނެ ވަކި ތަނެއް އާއްމުންނަކަށް ނޭގެއެވެ. އެއްދުވަހު ފެރީ އޮވެއްޖިއްޔާ އަނެއް ދުވަހަކު ނޯވެއެވެ.

އައްޑޫގެ ބައެއް ވިޔަފާރިވެރިން ބުނާ ގޮތުން އެމްވީކޭ އާ ދަތުރުފަތުރުގެ ހިދުމަތް ހަވާލުކުރުމުން އެކަން ވަނީ ބޮއްސުން ލައިގެން ގޮސްފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ނިންމި މި ނިންމުމާ ގުޅިގެން، ކުރިން ކާމިޔާބުކަމާ އެކު ހިދުމަތް ދެމުން ދިޔަ އެތައް ބައެއްގެ ވިޔަފާރި އިނދަޖެހިގެން ގޮސްފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

އައްޑު އާއި ފުވައްމުލަކާއި ދޭތެރޭ އަދި ފޭދޫ އާއި ހުޅުމީދޫ ދެެމެދު އަމިއްލަ ވިޔަފާރިވެރިން ވަނީ ކާމިޔާބު ކަމާއި އެކު ދަތުރުފަތުރުގެ ޚިދްމަތް ފޯރުކޮށްދީފައެވެ. އަދި ފަހުން ސަރުކާރުގެ ޓްރާންސްޕޯޓް ކުންފުނި އެމްޓީސީސީންވެސް ވަނީ މި ދެމެދު ކާމިޔާބު ކަމައި އެކު ދަތުރުފަތުރުގެ ހިދްމަތް ފޯރުކޮށްދީފައެވެ

ނަމަވެސް މިދިޔަ ސަރުކާރުން އެމްޓީސީސީ ފޮނުވާލައި ހިދުމަތް ދެމުން ދިޔަ އަމިއްލަ ވިޔަފާވެރިންނަށް އޮތް ފުރުސަތު ހަނިވާ ގޮތަށް އެމްވީކޭއާ ހިދުމަތް ހަވާލު ކުރުމުން ލިބުނު މާ ބޮޑު ކުރިއެރުމެއް، ފަސޭހައެއް ނެތެވެ. ރައްޔިތުން ހަޤީޤަތުގައިވެސް "ރަށު ބަންދު" ވުން ފިޔަވައި އިތުރު ކަމެއް ނުވެއެވެ.

ދާދި ފަހުން ޝަންގްރިއްލާއިން ވެސް އެމްވީކޭގެ ނާގާބިލްކަމާއި ހެދި އެކުންފުންނާއި އެކު ހަދާފައިވާ އެއްބަސް ވުން އުވާލާފައެވެ. އަދި ދާދި ފަހުން ޝަންގްރިއްލާއިން ވަނީ އެ ރިސޯޓްގެ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ލިއޯ ޓްރޭޑިން ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

ލިއޯ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރ ހަސަން ލަބީޤް ވިދާޅުވީ އެކުންފުނިން އައްޑޫގެ ދަތުރުފަތުރު ކުރުމާއި މެދު ޝައުގުވެރިވާކަމަށެވެ. އެގޮތުން އެކުންފުނީގައި މިވަގުތުވެސް 112 މީހުންގެ ފެރީއަކާއި 62 މީހުންގެ ޖާގައިގެ ފެރީއެއް އެބައޮތެވެ. އަދި އެއްގަމު ޓްރާންސްޕޯޓް ދިނުމަށް 43 މީހުންގެ ޖާގައިގެ ބަހެއް އެބައޮތެވެ. އަދި އިތުރު ބަހެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ވަނީ ބުނެފައެއެވެ.

ނަމަވެސް ލިއޯ ކުންފުންޏަށް އެމްވީކޭ އާއި އެއްއަގެއްގައި މި ޚިދްމަތް ފޯރުކޮށްދެވިދާނެ ހެއްޔެވެ؟. އެ އަގަށް ލިއޯ ކުންފުންޏަށް ހިދްމަތް ފޯރުކޮށްދެވެންޏާ އެމްވީކޭއަށް ދޫގަސް ދިނުމުގެ މާނައެއް ނެތެވެ. ދޫގަސް އެމްވީކޭ އަތުން ނަގަންވީއެވެ. އައްޑު ރައްޔިތުންނަށް ހަގީގީ މަންފާ ކުރާނެ ގޮތަކަށް ދޫގަސް ހަދަން ޖެހެއެވެ. އެކަމަށް ގިނަ ރައްޔިތުން އެއްބަހެވެ.

ކޮންމެ ގޮތެއް ވިއަސް އައްޑޫގެ ދަތުރުފަތުރުގެ ޚިދްމަތް އާއްމުން ބޭނުންވާ ގޮތަށް އެމްވީކޭއިން ފޯރުކޮށް ނުދެވެއެވެ. ނަމަވެސް އައްޑޫގެ އަގުބޮޑު މުދާގަޑެއް އެމްވީކޭ އަށް ވަނީ 25 އަހަރަށް ވަގުފުކޮށްދީފައެވެ. މިކަމާއި ކައުންސިލުން ވިސްނާ އަވަސް ފިޔަވަޅެއް އަޅަންޖެހެއެވެ. އެމްވީކޭއަށް ހިދްމަތް ނުދެވެންޏާ ޝަންގްރިއްލާއިން ހެދިގޮތަށް އެއްބަސްވުން އުވާލަންވީއެވެ. ގާބިލް ދެވަނަ ފަރާތަކާއި މެދު ވިސްނަންވެއްޖެއެވެ.