މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދު ވެސް ކުށަށް އިއުތިރާފްވުމުން 11 މަހަށް ޖަލަށް ކްރިމިނަލް ކޯޓުނ ހުކުމްކޮށްފި އެވެ.
އޭނަގެ މައްޗަށް ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި ޝަމްއާން ވަހީދު މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ އަހަރުގެ 22 މާޗުގަ އެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކީ ގައި ގ. ހެޕީސައިޑް އިބްރާހީމް، 37، އެވެ.
ހައްޔަރުކުރި ހަތަރު އޮފިސަރުންގެ ތެރެއިން އިބްރާހީމްގެ ކުރިން ދެ އޮފިސަރަކު ކުށަށް އިއުތިރާފްވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެއީ ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލާއި ހ. ހަޒާރީވިލާ، އަހުމަދު ލައްސާނެވެ.
އަލްސަނަށް ދެ މަހާއި ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރި އިރު، އެހާ ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ ތަންފީޒުކުރާނެ އަދަބެއް ނެތެވެ. އަދި ލައްސާނަށް އިއްވީ ނުވަ މަހުގެ ޖަލު ހުކުމެކެވެ.

އިބްރާހީމްގެ މައްޗަށް ތިން ދައުވާއެއް އުފުލި އިރު ތިން ދައުވާއަށް ވެސް އޭނަ އިއުތިރާފްވެފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އެވެ. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އަދަބަކީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެއިން ޖަލު އަދަބުގެ ގޮތުގައި ދެ މަސް އަދި ބާކީ ބައި 62،400ރ.ގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށެވެ. ފޭރުމުގެ ދައުވާގެ އަދަކީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެއިން ހަތް މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 130،800ރ. ގެ ޖޫރިނަމާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. ދޭން ޖެހެ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އިން އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ދެ މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 62،400ރ.ގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދޭން ޖެހެ އެވެ.
މި މައްސާލަގައި މިހާރު ހުކުމެއް ނުކުރަނީ ގ. ހެޕީސައިޑް ހަސަން ސެހެންޝާހަށް އެކަންޏެވެ.