ބޮޑު ދެ އިންތިހާބު އެއްކޮށްލަން ފާސްކުރީ މި ސަރުކާރުން ވަލު ދޮރާށިން ދެވަނަ ދައުރެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި މިކަން ހުއްޓުޗަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެެއްކޮށްލާ ބިލު މިއަދު މަޖިލީހުން ފާސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މި ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުންޏަސް ހަގީގަތަކީ އެެއީ ނޫން ކަމަށެވެ.
އޭނަ ވިދާޅުވީ މި ބަދަލު ގެނެސްފި ނަމަ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް މަގުފަހި ކުރެވޭނެ ކަމަށާއި މިވަގުތު ރާއްޖެއަށް ބޭނު ންވަނީ ވެރިކަން ކުރާ ޕާޓީގެ ބާރުތައް ވަރުގަދަ ކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން ކަމަށެވެ.
"ސަރުކާރުގެ މި ހީލަތްތެރި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ. ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާކަށް ނެތް ފައްޔާޒް،" ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް."
އެހެންވެ އެ މަސައްކަތަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެ ކަމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ގައުމީ މަސްލަހަތަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.