ކޯޓުތަކުގެ ބެކްލޮގުގެ މަސައްކަތް ނިންމުމުގެ ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ ކޯޓުތަކުގެ ބެކްލޮގު މަސައްކަތްތައް ނިންމުމަށް އުއްތަމަފަނޑިޔާރު ހާއްސަ ޓާސްކް ފޯހެއް އުފައްދަވައި މިއަދު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
މި ޓާސްކް ފޯސް އެކުލެވިގެންވަނީ އެކި މަރުހަލާތަކުގެ ކޯޓުތަކުން ތަމްސީލްވާގޮތަށް 9 މެންބަރުންގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދީފައިވެ އެވެ.
މި ޓާސްކް ފޯހުގެ މަގުސަދަކީ ނުނިމިހުރި މައްސަލަ ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ މައްސަލަ އަވަހަށް ނިންމުމަށް މަގުފަހި ކޮށްދިނުން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.
ޤަޟާއީ އަހަރު އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއްކޮށް އަވަސްކަމާއެކު އެ މައްސަލަތަކުގައި އިންސާފު ގާއިމު ކުރުންކަމަށެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ 2025 ވަނަ އަހަރު ނިމުނުއިރު އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގްގެ ގޮތުގައި އޮތްކަމަށެވެ. އަދި އެންމެ އިސްކަމެއް ދީގެން ކުރަން ބޭނުންވާ ކަމަކީ މި މައްސަލައިގައި އަވަހަށް އިންސާފު ގާއިމުކޮށްދެއްވުންކަމަށް އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވި އެވެ.