ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބާލިންގައި ބޭއްވި 'މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް' ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ވިޔަފާރީގެ މާހައުލަށް ބަދަލުތަކެއް ގެނެސް، ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަރުމަނުގެ ވިޔަފާރިވެރިންނާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރާއްޖޭގެ 'ވިޝަން 2040' އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ އެއީ ދިވެހި އިޤްތިޞާދު ވަރުގަދަކޮށް، ދައުލަތުގެ މުއައްސަސާތައް ޒަމާނީކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ވެފައިވާ މުހިންމު އިލްތިޒާމެއް ކަމަށެވެ. މި ތަޞައްވުރު ހާސިލުކުރުމަށްޓަކައި މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރު ފައިސާ ލިބޭނެ މަގުތައް ފަހިކުރުމުގެ އިތުރުން، އާންމު ޚިދުމަތްތައް ޑިޖިޓަލްކުރުމަކީ އެންމެ އިސްކަންދޭ މުހިންމު ފިޔަވަޅުތައް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގެ ރަސްމީ ރިޒާވް ތާރީޚީ މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ބޭރު ފައިސާގެ ދައުރުވުން ރަނގަޅުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ދައުލަތުގެ މާލީ އަޚްލާޤު ހިފެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަން ބަޔާންކުރައްވައި، ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ހޯދިފައިވާ ކުރިއެރުންތަކަށްވެސް އަލިއަޅުވާލެއްވި އެވެ.
ރައީސް ވިދާޅުވީ މިފަދަ ހެޔޮ ބަދަލުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 'ގޫގުލް' ފަދަ ދުނިޔޭގެ ނަން މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ގުޅުންތައް ވަރުގަދަކުރުމަށް އިންވެސްޓް ކުރަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރު ބަދަހިކުރުމުގައި ޖަރުމަނުގެ އިންވެސްޓަރުންނާއި، ޓުއަރ އޮޕަރޭޓަރުން އަދި މާލީ އިދާރާތަކުން އަދާކުރާ މުހިންމު ދައުރު ވެސް ފާހަގަކުރެއްވި އެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ކަނޑައަޅާފައިވާ އަހަރެއްކަން ފާހަގަކުރައްވައި، އެކަމުގައި ބައިވެރިވުމަށް ޖަރުމަނުގެ އިންވެސްޓަރުންނަށް ރައީސް ދައުވަތު އެރުވި އެވެ.
އޭގެ އިތުރަށް، ދާދި ފަހުން ފެށި "ޕްރޮޖެކްޓް އައިލާ" ފަދަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ބެއްލެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
ހަމައެއާއެކު، ޚާއްޞަ ފަރުވާގެ ޚިދުމަތްތައް ތަރައްޤީކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށްޓަކައި ޞިއްޙީ ދާއިރާ ފުޅާކޮށް ޒަމާނީކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. އަދި މި ދާއިރާއިން ޖަރުމަނުވިލާތުގެ ތަޖުރިބާކާރުންގެ އެހީތެރިކަމަކީ ރާއްޖޭގެ އިސްކަންދޭ ކަންކަމާ ވަރަށް ބޮޑަށް ގުޅޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.