Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ސީޕީއައި އަކީ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން

އޭސީސީގެ ރައީސް އާދަމް ޝާމިލް - ފޮޓޯ: ދިޔަރެސް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ ސީދާ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނެފައިވަނީ ސީޕީއައިގެ މިއަހަރުގެ ލިސްޓުގައި ރާއްޖެއަށް 100 އަކުން 39 މާކްސް ލިބުނު ވާހަކަ ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އޭސީސީން ބުނީ ސީޕީއައި އަކީ އޭގެ ޒާތުގައި އެ ދިރާސާގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

"މިއީ ދެކޭ ގޮތް (ޕަސެޕްޝަން) ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށެވެ،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖޭގެ ނަތީޖާ ބިނާކޮށްފައިވަނީ އެންމެ ތިން މަސްދަރެއްގެ މައްޗަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް އާއި، ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓްގެ އިތުރުން ވެރައިޓީސް އޮފް ޑިމޮކްރަސީ އެވެ. މި ތިން މަސްދަރަކީވެސް ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާގޮތެއްގައި ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫންކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީން ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ސްކޯ ކަނޑައެޅުމުގައި ގިނަ މަސްދަރުތަކެއް ބޭނުންކުރި ނަމަވެސް، ރާއްޖޭގެ ސްކޯ ބިނާކޮށްފައިވަނީ މަދު މަސްދަރުތަކެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން، މި އިންޑެކްސްގެ ނަތީޖާއަކީ މާނަހުރި އަދި ރަނގަޅު ނަތީޖާއަކަށް ހެދުމަށްޓަކައި، މިކަމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި މަޝްވަރާކޮށް، ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނައުމަކީ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ދެކެ އެވެ.