ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ދެން ގެންނާނީ 50 ޕަސެންޓް ނުލިބުނަސް ވެރިކަމަށް އާދެވޭ އިސްލާހު ކަމަށް މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އައްދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ މިކަމުގެ އަސްލު ނިޔަތަކީ، ދެ އިންތިހާބު އެއްކޮށް ދައުލަތަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރުން ނޫން ކަމަށާއި މިކަމުގެ ނިޔަތަކީ ފާޓީން ދެ އިންތިހާބަށް ވޯޓުގަތުމާއި ކޮރަޕްޝަނާއި ފަސާދަ ހިންގުމަށް ޕާޓީން ކުރަންޖެހޭ ހަރަދާއި މަސައްކަތް އެއްކުރުން ކަމަށެވެ. އަދި ރައްޔިތުން ކޮބައިތޯ ދެން ބަލާނީ 5 އަހަރުން އެއް ފަހަރު ކަމަށްވެސް އައްދު ވިދާޅުވި އެވެ.
"މިއަށްފަހު ދެން އޮންނާނީ 50 ޕަސެންޓް ނުލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުން،" އައްދު ވިދާޅުވި އެވެ.
އައްދު ވިދާޅުވީ މަޖިލީހުގަ ތިބި "ބޮޓުންނަށް" ނޫނެކޭ ބުނަން ބޭނުންވެ, ނޫނެކޭ ބުނަން ނުކެރުނަސް ރައްޔިތުން ނުކުމެ މިބައި މީހުން ވެރިކަމުގެ ދަހިވެތިކަމުގައި މި ރާވާ ނުބައި ރޭވުންގަނޑަށް ކޮންމެހެން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ވެރިކަމަށް އަންނަންވީ ވެރިކަމަށް އަންނަން ވި ވައުދުތަށް ފުއްދާ ރައްޔިތުންގެ ރުހުން ހޯދައިގެން ކަމަށާއި ދެއިރު ދެދަޅައަށް ގާނޫނު އިސްލާހުކޮށް ރައްޔިތުންނަކީ މޮޔައިން ކަމަށް ހަދާ މަކަރުވެރި ރޭވުމެއްގެ ތެރެއިން ނޫން ކަމަށްވެސް ވިދާޅުވި އެވެ.