އިލެކްޝަންސް ކޮމިޝަން އީސީ) ގެ މެންބަރުކަމުގެ މަޤާމަށް އައްޔަން ކުރަން އެ ކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަ ރިފްޢަތު ޢަބްދުﷲ ގެ ނަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު ފޮނުއްވާފައިވާތީ އޭނައާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މ. ވޭވަށް، ކިނާރާ ރިފްޢަތު އީސީގެ މެންބަރުކަމަށް އައްޔަން ކުރުމާ ގުޅޭގޮތުން ރައީސް މަޖިލީހަށް ފޮނުއްވަވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާތީ އެފަރާތާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާއެއް ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ޝަކުވާ ހުށަހެޅުމަށް އެދިފައިވެ އެވެ.
އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މަހުގެ 7 ގަ އެވެ. އެއީ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ.
މެންބަރު ކަމަށް ކުރިމަތިލެއްވި ރިފްޢަތު މި ވަގުތު ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގަ އެވެ.
އިލެކްޝަން ކޮމިޝަންގައި ތިއްބަވަނީ، 5 މެންބަރުންނެވެ. މިހާރު ކޮމިޝަންގައި ތިއްބެވީ ރައީސް މުޙައްމަދު ޒާހިދާއި ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރު މުޙައްމަދު ޒާހިރާއި މެންބަރު ޙަސަން ޒަކަރިއްޔާ އަދި މެންބަރު ޢަބްދުލް ހަސީބު އިސްމާޢީލެވެ.