Last Updated: June 8, 11:51
Monday, June 8, 2026
ޚަބަރު

ވެރިކަން ދަމަހައްޓަން މަޖިލީހުގެ ތެރެއިން ހިންގަނީ ބަޣާވާތެއް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިންގަނީ ބަޣާވާތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ޤާނޫނީ ހެދުން އަޅުވައިގެން ޤާނޫނު އަސާސީ ކަތިލުމަށް ކުރައްވާ ކަމަކީ ވެރިކަމުގެ ބާރު ދާއިމީ ކުރުމަށް ދައުރު ދިގު ދަންމާލުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅު ކަމަށާއި މި ފިޔަވަޅު ނިމޭ ހިސާބަކީ ދިގުދެމިގެންދާ ޚުދުމުޚުތާރު އަނިޔާވެރި ބިރުވެރި ވެރިކަމެއް ފެށޭ ހިސާބު ކަމަށެވެ.

ރައީސް މުއިއްޒު ރައްޔިތުން ދެކެ، ވޯޓު ފޮށި ދެކެ މި ގަންނަނީ އަމަށަކު ބިރެއް ނޫން ކަމަށާއި ވަކިވަކިން ބާއްވާ ދެ އިންތިޚާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައްޔިތުން އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލު ކުރެވޭނެ މަގު ހަނިކޮށް، ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން. މިއީ ބަޣާވާތެއް. މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވެރިކަމަށް ފުރުޞަތު ނުދީ، މުއިއްޒު ވެރިކަމުގައި ދާއިމީކޮށް ބެހެއްޓުމަށް ހިންގާ ބަޣާވާތެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ޤާނޫނާއި ޤާނޫނު އަސާސީ ފުނޑުފުނޑުކޮށްލައިގެން ވެރިކަމުގައި ތާއަބަދު ހުންނެވޭނެ ކަމަށް ގަބޫލުކުރެވުމަކީ ގޯހެއް ކަމަށާއި ދިވެހިން އެކަމާއި ދެކޮޅަށް ނުކުންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.