މި ފެށިގެންދާ މާތް ވެގެންވާ ބަރަކާތްތެރި މައްސަރަކީ އަހަރެމެންނަށް ބާއްޖަވެރި މައްސަރަކަށް ހެދުމަށްޓަކައި ރަނގަޅު ތާވަލެއްގެ ދަށުން އަހަރެމެންގެ އަޅުކަންތައް ތަރުތީބުކޮށްލުމަކީ މި މަހަށް ތައްޔާރުވުމަށް ކުރެވިގެން ދާނެ އެންމެ ފައިދާ ބޮޑު އެއް މަސައްކަތެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކުރާނެ ހެޔޮ ޢަމަލުތައް ފޮތެއްގައި ނޯޓުކޮށްލައިގެން އެކަންކަން ޙާޞިލުވޭތޯ މަސައްކަތް ކުރާށެވެ!
ތާވަލުގައި ލިޔާނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
1. ނަމާދުކުރުން
• ފަރުޟު ފަސްނަމާދާއި އަދި ރަވާތިބު ސުންނަތްތައްº ފަރުޟު ނަމާދުތައް މިސްކިތުގެ ޖަމާޢަތުގައި ކުރުމަށް ސަމާލުވާށެވެ! އަދި ޖަމާޢަތް ހޯދުމުގައި ކޮންމެ ނަމާދެއްގެ ވެސް ހަރަމްބަންނަ ތަކުބީރު އިމާމް އާއެކު ލިބޭތޯ ބަލާށެވެ!
• ރޭގަނޑުގެ ނަމާދުތައްº މީގެ ތެރޭގައި ތަރާވީޙާއި ދަމުނަމާދާއި ވިތުރި ހިމެނެއެވެ.
• ޟުޙާ ނަމާދު
2. ޤުރްއާން ކިޔެވުން
• ވީ އެންމެ ގިނައިން ޤުރްއާން ކިޔެވުމަށް ސަމާލުވެލައްވާށެވެ! ހަމައެކަނި ހަތިމެއް ކުރުމަށް ކުރުކޮށްނުލާ އެއަށްވުރެން ވެސް ގިނައިން ކިޔަވަން ޢަޒުމް ކަނޑައަޅާށެވެ! ރަމަޟާން މަހަކީ ޤުރްއާނުގެ މައްސަރެވެ.
• ޤުރްއާން ކިޔަވަން ވަގުތު ވޭތިކުރާ ފަދައިން އެ ޤުރްއާން ހިތުދަސް ކުރުމަށް ވެސް ވަގުތު ކޮޅެއް ޚާއްޞަ ކޮށްލާށެވެ!
• ކީރިތި ޤުރްއާން ޙަތިމްކުރަން ކިޔަވާ ފަދައިން އޭގެ ތަރުޖަމާއާއި ތަފްސީރު ކިޔަވާ އެއާމެދު ވިސްނާ ފިކުރު ކުރުމަށް ވަގުތުކޮޅެއް ހޯދާށެވެ!
• ކީރިތި ޤުރްއާނަކީ ހަމައެކަނި ކިޔަވާލައިގެން ފުއްދާލާ ފޮތަކަށް ނުހަދާ¡ ކޮންމެ ދުވަހަކު ވެސް އެ ޤުރްއާނުގެ މާނައާއި ތަފްސީރުން ކިޔެވޭ ބައިތަކާމެދު ވިސްނާ ކޮންމެ ދުވަހަކު ވެސް އެ ޤުރްއާނުގައި ޢަމަލުކުރަން އަންގަވާފައިވާ ކަންކަމަށް ޢަމަލުކުރާށެވެ. ވަކިން ޚާއްޞަކޮށް ދީނުގެ އައު ކަމެއް އެނގިއްޖެ ނަމަ އެކަމަށް ޢަމަލުކުރެވޭތޯ ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރާށެވެ!
3. މާތް الله ގެ ޒިކުރުކުރާށެވެ!
• ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ފަރުވާތެރިވާށެވެ!
• ފަރުޟު ނަމާދުގެ ފަހުން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ހަމަ ކޮންމެ ފަރުޟު ނަމާދެއްގެ ފަހުން ވެސް ކުރާށެވެ!
• ކޮންމެ ރެއަކު ނިދުމުގެ ކުރިން ނިދާއިރު ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކުރާށެވެ!
• ޢާއްމު ދިރިއުޅުމުގައި ކުރަން އިރުޝާދު ދެއްވާފައިވާ ޒިކުރުތައް ކުރާށެވެ! މިސާލަކަށް ގެއިން ނުކުންނަމުން¡ މިސްކިތައް ވަދެ ނުކުންނަ އިރު¡ ފާޚާނާއަށް ވަދެ ނުކުންނައިރު ކިޔުމަށް އިރުޝާދު ދެއްވާފައިވާ ޒިކުރުތައް ކިޔާށެވެ!
• ޒިކުރުތައް ކިޔުމުގައި އޭގެ މާނަ ބަލައި، އެ މާނަ ހިތަށް ގެނެސް އެއާމެދު ވިސްނުމާއެކު ޒިކުރު ކުރާށެވެ.
4. ދުޢާކުރުން
• ރޯދަ ވީއްލާ ވަގުތު ދުޢާކުރުން
• ނަމާދުގެ ސަޖިދައިގައި ދުޢާކުރުން
• ހާރުދަން ވަގުތުގައި ދުޢާކުރުން
• ބަންގި އާއި ޤަމަތާ ދެމެދު ދުޢާކުރުން
• ހުކުރު ދުވަހުގެ ޢަޞްރު ފަހުން ފެށިގެން ގޮސް އިރު އޮއްސުމާ ދެމެދުގައިވާ ދުޢާ އިޖާބަ ކުރެވޭ ވަގުތުކޮޅު ހޯދުމަށް އެ ދެމެދުގައި ދުޢާ ކުރުމުގައި ދެމިހުރުން
މިފަދައިން އަހަރެމެން މި މަހާ ބައްދަލުކޮށް މި ގޮތުގައި ދެމިތިބެއްޖެ ކަމުގައި ވާނަމަ މާތް الله ގެ ވާގިފުޅާއެކު މި މައްސަރު ވެގެންދާނީ އަހަރެމެންނަށް ބާއްޖަވެރި ރޯދަ މަހަކަށެވެ.
ނޯޓް: މިއީ ޝައިޚް އަޙްމަދު ޙުސައިންގެ ލިޔުއްވުމެކެވެ.