ރާއްޖެއާއި ޖަރުމަނުވިލާތާއި ދެމެދު ރަސްމީ ވާހަކަތައް މިއަދު ބާއްވައިފި އެވެ.
މި ވާހަކަފުޅުތައް ބާއްވާފައިވަނީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
ޖަރުމަނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި މަޝްވަރާތަކުގައި ރާއްޖެއާ އާއި ޖަރުމަނާ ދެ ޤައުމުގެ ދެމެދު މަސްލަހަތު އޮންނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅުދެއްކެވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު ވެސް ވަނީ އާކުރައްވާފަ އެވެ.
ރައީސް މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު މި ކުރައްވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށްކަން ފާހަގަކޮށްލެވެ އެވެ.