Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ މަޝްރޫއު ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫއު މިއަހަރު އިފްތިތާހުކުރުމަށް ނިންމައިފި އެވެ.

މައުމޫން ފައުންޑޭޝަނުން 2025ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަދައްކަމުން މައުމޫން ވަނީ މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ހާމަކުރައްވާފަ އެވެ.

އެގޮތުން ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫއު އިފްތިތާހުކުރުމަށް ނިންމާފައިވާ ކަމަށާއި މި މަޝްރޫޢުގެ މަޤްޞަދުތަކާއި، ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު ތައްޔާރުކުރެވިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މި މަޝްރޫއުގެ މަގްސަދަކީ ރައީސް މައުމޫންގެ ހަޔާތްޕުޅާއި ގައުމީ ޚިދުމަތާއި ގުޅުންހުރި ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ފޮތްތަކާއި، ވީޑިއޯތަކާއި އަދި ތާރީޚީ ރެކޯޑުތައް އެއްކޮށް، ރައްކާތެރިކޮށް، ޑިޖިޓަލައިޒްކޮށް ތަރުތީބުކުރުމެވެ. އަދި މި ތަކެތި ދިރާސާކުރާ ފަރާތްތަކަށާއި، ދަރިވަރުންނަށާއި، އާންމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި އާކައިވް ގާއިމުކުރެވުމުން، މިއީ ދިވެހި ތާރީޚުގެ މުހިންމު ބާބެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ގައުމީ ވަސީލަތަކަށް ވެގެންދާނެ ކަމުގައި މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންނާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ތިމާވެށީގެ އައު މަޝްރޫއެއް ވެސް އެމަނިކުފާނު އިޢުލާނުކުރެއްވި އެވެ. މީގެއިތުރުން ރާއްޖޭން ބޭރުން ދިވެހި ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ފޮރިން ސްކޮލާޝިޕް ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާކަންވެސް މައުމޫން ފާހަގަކުރެއްވި އެވެ.