ސޯޝަލް މީޑިއާގެ ސަބަބުން ދިވެހި ކުޑަކުދިންނަށް ލިބެމުންދާތީ ގެއްލުންތަކުން އެ ކުދިން ސަލާމަތްކޮށް ދޭން ކަމަށް ބުނެ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި އެއަށް ތާއިދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މި ޕެޓިޝަން ހުށަހެޅީ އައްޑޫ ހިތަދު އަށް ނިސްބަތްވާ އަލީ ޢާނިމް މުފީދެވެ.
އޭނަގެ ޕެޓިޝަނުގައި ބުނެފައި ވަނީ، ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުން ކުރުން އާންމުވެފައިވާ ކަމަށެވެ. އަދި ގިނަ ވަގުތު ކުދިން ކުރާ ކަންތައްތައް ބެލުމަށް ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޔޫޓިއުބާއި، ޓިކްޓޮކް އަދި އެ ނޫން ވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ފާހިޝް ބަސްތަކާއި ނުބައި އަމަލުތައް ދަސްވަމުންދާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. މީގެ ސަބަބުން ކުދިންގެ ކިބައިން ނޭދެވޭ އަހުލާގީ ބަދަލުތަކެއް ފެންނަމުންދާތީ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް އޭގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން މި މައްސަލަ ހައްލުކުރަން ފޭސްބުކާއި އެކްސް އާއި، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކާއި، ކާކުކަން ނޭނގޭ ގޮތަށް ޕޯސްޓް ކުރެވޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުދިން ވަނުން މަނާކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމާއި، ގާނޫނާ ހިލާފަށް ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ، ބެލެނިވެރިންނާއި ކުދިންނަށް ކައުންސެލިން ދެވޭނެ ނިޒާމެއް ގާއިމްކުރުމާއި އެކަން ތަކުރާރުވާ ނަމަ، ފެމިލީ މިނިސްޓްރީއަށް ހާއްސަ ބާރުތަކެއް ދީގެން އެ މައްސަލަ ބެލޭނެ ގޮތް ހަމަޖެއްސުމަށް ޕެޓިޝަންގައު އެދިފައި އެވެ.
މީގެ އިތުރުން ސްކޫލްތަކާއި ކޮލެޖުތަކަށް މޮބައިލް ފޯނު ވެއްދުން މަނާކުރާ ގަވައިދެއް ހަދައި، އެ ގަވައިދަށް އަމަލު ކުރަން ފެށުމަށް ވެސް ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ހޯދައި ދޭން ގޮވާލައި، 16 އަހަރުން ދަށަށް އެ މަނާކޮށް ދޭން ގޮވާލައި ޕެޓިޝަނެއް ހުށަހެޅި އިރު، މިދިޔަ ޑިސެމްބަރު މަހުގެ 10 އިން ފެށިގެން އޮސްޓްރޭލިއާގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ. މިއީ މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
އަދި އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައިގެން އެފަދަ ފިޔަވަޅުތަކެއް އެޅުމަށް މިހާރު ވަރަށް ގިނަ ގައުމުތަކުން އަންނަނީ ވިސްނަމުންނެވެ. އޭގެ ތެރޭގައި ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.