Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރޯދަ އަށް ހަނދު ބެލުން އަންގާރަ ދުވަހުގެ ރޭ

ކުރިއަށް ރޯދަ މަހަށް ހަނދު ސާބިތުކުރުން އަންނަ އަންގާރަ ދުވަހުގެ ރޭ އޮޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.

ޑީޖޭއޭ އިން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ޤާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅި މަތީގައި ކަމަށެވެ.

މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައި ނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ހަނދު ފެނިގެން އެ މައުލޫމާތު ދޭ އިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭން ޖެހެ އެވެ. ހަނދު ފެނިގެން ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައި ވަނީ ޑީޖޭއޭއިންނެވެ.

ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާ ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.