މަންމަގެ ކޭޝްކާޑު ވަގަށް ނަގައިގެން ވިޔަފާރިކުރި އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހިތަދު އަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނަގެ މައްޗަށް ވައްކަމުގެ ތުހުމަތުގެ އިތުރުން، ގެވެށި ނިޔާގެ އަމުރަކާ ޚިލާފުވުމުގެ ތުހުމަތު ފުލުހުން ކޮށްފައިވެ އެވެ.
އެ މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނަ ވަނީ މަންމަގެ އިސްލާމިކް ބޭންކް އެމްއައިބީ) ގެ ކޭޝް ކާޑު ވަގަށް ނަގައިގެން އެ ކާޑުން ވިޔަފާރިކޮށްފަ އެވެ. ނަމަވެސް އެ ކާޑުން އޭނާ ކުރީ ކިހާ ވިޔަފާރިއެއް ކަމެއް ސާފެއް ނުވެއެވެ.
އޭނަ އަކީ އެކިއެކި މައްސަލަތަކުގައި މީގެ ކުރިން ވެސް 15 ފަހަރަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. ކޭޝް ކާޑު ވަގަށް ނަގައި ވައްކަންކުރި މައްސަލަގައި އޭނަގެ ބަންދަށް 15 ދުވަހުގެ މުއްދަތަށް ކޯޓުން ޖެހީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.