Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ރަންވީރަށް އިންޒާރުތަކެއް، ސެކިއުރިޓީ ވަރުގަދަކޮށްފި!

އަންހެނުން ދީޕިކާއާ އެކު ރަންވީރު.

އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ 'ދުރަންދަރު' ގެ ބަތަލު ރަންވީރު ސިންގް އަށް އިންޒާރުތަކެއް ދީފައިވާތީ އޭނަގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

މީޑިއާތަކުން ބުނީ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ އަށް އިއްޔެ އިންޒާރުތަކެއް ދީފައި ވަނީ ކާކުކަަން ނޭނގޭ ގޮތަށް އޭނަ އަށް ފޮނުވި ވޮއިސް މެސެޖްތަކަކުން ކަމަށެވެ. މި މައްސަލަ މުމްބާއީގެ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ރަންވީރު ދިރިއުޅެމުން އަންނަ އެޕާޓްމަންޓްގެ ސެކިއުރިޓީ ވަރުގަދަކޮށް، މުމްބާއި ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު އަންނަނީ މެސެޖް ފޮނުވި މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ރަންވީރަށް އިންޒާރުތަކެއް ދީފައި މި ވަނީ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު 'ޑޮން 3' ގެ ޝޫޓިން ފަށަން ތައްޔާރުވަމުން ދަނިކޮށް، އޭނަ އެ ފިލްމު ދޫކޮށްލުމާ ގުޅިގެން ފަރްހާނާއި ރަންވީރާ ދެމެދު ކޯޅުންތަކެއް ވެސް ހިނގަދަމުންދާ ކަމަށް އަޑު އަރާފައިވާ ދަނޑިވަޅެއްގަ އެވެ.

ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި ޝޫޓިން އަށް އެންމެ ފަހުގެ ތައްޔާރީތައްވެފައ ވަނިކޮށް، ރަންވީރު ފިލްމުން ވަކިވުމާ ގުޅިގެން ފިލްމުގެ ޓީމަށް 40 ކްރޯޑް ރުޕީސް (4.4 މިލިއަން ޑޮލަރު) ގެ ގެއްލުމަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަމާ ގުޅިގެން ރަންވީރަށް ގާނޫނީ ފިިޔަވަޅު އެޅުމާ މެދު ވެސް ފަރުހާނާއި އޭނަގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަޓުން ވިސްނަމުންދާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ރަންވީރްގެ ކުރިއަތް އޮތް ފިލްމަކީ އަންނަ މަހުގެ 19 ގައި ގެނެސްދޭން ހަމަޖެހިފައިވާ 'ދުރަންދަރު' ގެ ދެވަނަ ބައެވެ.

އޭނަ އަށް ލިބުނު އިންޒާރުތަކަކާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، ބޮލީވުޑްގެ މަޝްހޫރު މީސްމީހުންނަށް ތަފާތު އިންޒާރުތައް ދިނުމަކީ ވަރަށް އާންމު ކަމެކެވެ. މީގެ ހަފުތާއެެއްހާ ދުވަސް ކުރިން، މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގެއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަތަކާ ގުޅިގެން އެ ގެ އާއި އޭނަގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވެ އެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ގިނައިން އިންޒާރުތައް ލިބޭ ތަރިއަކީ ސަލްމާން ޚާނެވެ. ދެހާސް ސައުވީހުގެ ތެރޭގައި އޭނަގެ ގެއަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވެ އެވެ.