Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި އަންހެނަކު ހައްޔަރަށް

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް ހިންގާ އިމާރާތް. ފޮޓޯ/ އަވަސް

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށި، އާނިރު، ޝަޒްނާ މުހައްމަދު، 30، އެވެ. އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ވެސް ޖަހައިފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ޝަޒްނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނަ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވެ އެވެ. އޭގެ ތެރޭގައި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ޝަޒްނާ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓަކާއި ފައިސާ ފެނިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ކޯޓްގައި ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ޝަޒްނާ ބުނުމުން ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނަ ދައްކާ ވާހަކަތަކަކީ ދެކޮޅަށް ބޭނުން ކުރެވިދާނެ ވާހަކަތަކެއް ކަމަށް ހަނދާންކޮށް ދެވުނު ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އަދި ތުހުމަތުތަކާ ގުޅިގެން ޝަޒްނާ ވަނީ ހަނު ހުރެފަ އެވެ.

ޝަޒްނާ އަކީ ކުރިން ވެސް ހައްޔަރާއި ބަންދުގެ ގިނަ ރެކޯޑްތަކެއް އޮތް މީހެކެވެ.