ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި ޕީއެންސީން މިލިއަނުން ރިޝްވަތު ހުށަހަޅުމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާނުގެ ނައިބު ހުސެއިން ހަސަން ވިދާޅުވީ، ކެންޑިޑޭޓުންނަށް ރިޝްވަތު ހުށަހަޅަމުންދާކަން ފާހަގަކުރެވުނީ، ކައުންސިލް އިންތިހާބަށް އެ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުންނަށް ނަން ނަގަން ހުޅުވާލި ފުރުސަތުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ސަރުކާރާ ވާދަވެރި އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި މިލިއަނުން ފައިސާ ހުށަހަޅަމުންދާކަން. ކެންޑިޑޭޓުން ނަން ނެގުމަށް މިއޮތް ފުރުަސަތުގެ ތެރޭގައި އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ،" އޭނަ ވިދާޅުވި އެވެ. "އެ ކެންޑިޑޭޓުންގެ ފަރާތުން މި އަންނަ ހުށަހެޅުންތަކެއް ސަރުކާރުން ހުށަހަޅަމުންދާ ކަމަށް. ސަރުކާރުން ކުރަމުންދާ ކެމްޕޭނަކީ އެއީ. ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް."
ހުސައިން ވިދާޅުވީ ޕީއެންސީއަކީ އެއްވެސް އިރެއްގައި ސިޔާސަތެއް ވިއްކައިގެން ވޯޓު ހޯދި ބައެއް ނޫން ކަމަށާއި އެއީ މިހާތަނަށް މަކަރާއި އޮޅުވާލުމުގެ ތެރެއިން ވޯޓު ހޯދި ބައެއް ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގެ ކެމްޕޭންތަކުގައި ވެސް ޕީއެންސީން އެއްވެސް ވައުދެއް ނުވިއްކައި ބަލަނީ ފައިސާއަށް ވިކެން ބޭނުންވަނީ ކޮން ބައެއްތޯ ކަމަށް ވިދާޅުވި އެވެ.
"މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ހުށަހަޅައިގެން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ރާއްޖޭގައި މީގެ ކުރިން އެއްވެސް އިރަކު ކޮށްފައެއް ނުވޭ." އޭނަ ވިދާޅުވި އެވެ. "ވަޒީފާއަށް ކިތައް ކުދިންތޯ ނުކުންނަން ބޭނުން ވަނީ. ޕްރޮމޯޝަން ބޭނުންވަނީ ކިތައް ކުދިންތޯ؟ މިއީ އެ ބޭފުޅުން ޑޯ ޓު ޑޯގައި ކުރައްވާ ކަމަކީ. ސިޔާސަތެއް ނުވިއްކާ. ފަސާދައިގެ އަމަލު މިއަދު ވެސް ހިންގަމުން އެ ދަނީ ގެތަކަށް ވަޑައިގެން. ރައްޔިތުންގެ ކުރިމައްޗަށް ފާޅުގައި އެ ނުކުންނަވަނީ ރިޝްވަތުގެ ކަޅު ފައިސާ ހިފައިގެން."
ހުސައިން މި ކަންކަން ކުރަމުން ދަނީ އިންތިހާބަކާނުލާ ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި އެކަން އެނގޭ ގޮތަކީ އީސީން އެނގޭ ގޮތަކީ އީސީން ހާމަނުކުރާ މައުލޫމާތު ޕީއެންސީން ހާމަކުރަމުން ދާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ދައްކަވަމުން ގެންދަވާ ވާހަކަތަކުން އެކަން ކަށަވަރު ކުރެވޭ." އެނަ ވިދާޅުވި އެެވެ.