Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

މި ފޮޓޯއާ މެދު ކަންބޮޑު ނުވޭބާ؟

ވަކި ބާވަތަކަށް ދީން "ދަންނަ" ބައެއް ދިވެހިން ކޮމެންޓްކޮށްފައި ބުނާ ގޮތުން އެ ފެންނަ ފޮޓޯގައި އެވާ ކަންތަކަކީ މާ ބޮޑު މައްސަލަ އަކަށް ނުވާނެއެވެ. އެފަދަ މީހުން ބުނާ ގޮތުން ގެފުޅުގެ އުރަކޮޅަކީ "އެއީއަކީ ދީނާ ގުޅޭ އެއްޗެއް ނޫނެވެ. ހަމަ ފޮތިކޮޅެކެވެ."

ނަމަވެސް އަޅުގަނޑުމެން ފަދަ ތަންދޮރު ނޭނގޭ މީހުން މިމަންޒަރު ފެނުނީމާ ލޭ ކެކެއެވެ. މުޤައްދަސް ތަންތަނާއި ގުޅިފައިވާ ތަކެތީގައި ވެސް ބަރަކާތާއި ކަރާމަތަކާއި "ސެންކްޓިޓީ" އެއް އެކުލެވިފައިވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ އެވެ.

ނަމާދު ކުރާ މުސައްލަ ބާވިޔަސް އެއީ ފައިފޮހޭ އެއްޗެއްގެ ގޮތުގައި ބޭނުން ކުރަން ހަމައެންމެ ރަނގަޅު ކަމުގައި އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭތީ އެވެ.

ފޮޓޯގައި އެ ވަނީ ތަލްމޫދީ، ސޭޓަނިކް، ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގައި އެ ކުދިން ޓްރެފިކްކޮށް، އަނިޔާކޮށް އަދި މަރާފައިވާ ކަމުގައި ތުހުމަތު ކުރެވޭ ޝައިޠާނާ، ޖެފްރީ އެޕްސްޓީން، ފުޅުގެ ކިސްވާ (އުރަކޮޅު) ގެ ބޮޑު ބައެއް ފޮނުވައިގެން އޭނާގެ ގޭގެ ތަރުފާލަކަށް އެ އުރަކޮޅުގެ ބައި ބާއްވާފައި ވާ މަންޒަރެވެ. ކީރިތި ޤުރުއާނުގެ އާޔަތް ތަކުން ޖަރީ ކުރެވިފައިވާ އުރަކޮޅެވެ. މިކަން ކުރީ (ދުބާއީގައި އުޅޭ) ޢަޒީޒާ އަލް އަޙުމަދީ ކިޔާ ސަޢޫދީ އަންހެނެކެވެ.

މި އަންހެނާ އަކީ ސަޢޫދީގެ ވަލީ ޢަހުދު ބިން ސަލްމާން "އެމް.ބީ.އެސް" އާއި ގާތް މީހެއް ކަމަށާއި އޭނާގެ "އެޑްވައިޒަރެއް" ކަމުގައިވެސް ބައެއް މަސްދަރުތަކުގައި ބުނެފައިވެ އެވެ. ފޮޓޯގައި އެހުރީ އެޕްސްޓެއިންގެ ފައިލްތަކުން ތަކުރާރުކޮށް ފެންނަ އެޕްސްޓެއިންގެ އެންމެ ގާތް އެކަކު ކަމުގައިވާ ޔޫއޭއީގެ ދުބާއީ ޕޯރޓްސް އާއި ކަސްޓަމްސްގެ ޗެއާމަން އަދި ޑީޕީ ވޯލްޑްގެ ސީއީއޯ ސުލްޠާން އަޙުމަދު ބިން ސުލައެމް އެވެ.

އެމީހުން އަތްދަށުލައިގެން އުޅޭ ކުޑަ ކުދިން ފިލިޔަ ނުދީ، އެކުދިން އުޅޭ ނުއުޅޭ ގޮތް ބަލަން އެ ކުދިންގެ ބޫޓުގައި ސިއްރު ޖީޕީއެސް ޗިޕެއް ހަރު ކުރުމަކީ މޮޅު ޚިޔާލެއް ކަމުގައި މީނާ އެޕްސްޓެއިން އަށް ލިޔެފައި ވާ މެއިލް އެއްގައިވެއެވެ.

"ޕްރޮޓެސްޓެންޓް" ބާވަތަކަށް އިސްލާމް ދީން ފަހުމްކޮށްގެން އުޅޭ މީހުންނަށް ގެފުޅުގެ އުރަކޮޅާއިމެދު މިފަދަ އިހާނެތި ގޮތަށް ކަންތައް ކުރުން އެއީ މާ ބޮޑު ކަމަކަށް ނުވިޔަސް އަޅުގަނޑުމެންނަށް މިއީ ކުޑަ ކަމެއް ނޫނެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.