Last Updated: June 8, 11:51
Monday, June 8, 2026
ޚަބަރު

ރައީސް އަމިއްލަފުޅަށް ވެސް ސަރުކާރު ޖަވާބުދާރީކުރުވާ

އެހެން މީހަކު ޖަވާބުދާރީކުރުވަންދެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑެއް ނުކުރައްވާ ކަމަށާއި އެ މަނިކުފާނު އަމިއްލަފުޅަށް ވެސް މި ސަރުކާރު ޖަވާބުދާރީކުރުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

އަލީ އާރިފް މިހެން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ފަރާތްތަކަށް ވޯޓު ދިނުމަށް އެ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ އާރިފް ވިދާޅުވީ މިހާރުވެސް ސިލްސިލާގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ، އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި މަދު މީސްކޮޅެއްގެ ބަދަލުގައި ރައީސް ވަޑައިގަނަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން މީހަކު އެކަން ކުރޭތޯ ރައީސް މަޑެއް ނުކުރައްވާ. ވަޒީރުންނާއި އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން، ރައްޔިތުންގެ ދަރުބާރުގައި ރައީސް އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީ އެ ކުރުވަނީ،" އަލީ އާރިފް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް "ރައްޔިތުންނާ ގާތަށް" ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ.