ރަމަޟާން މަހަކީ އެ މަހެއްގައި މާތްވެގެންވާ ޤުރްއާން ބާވާލެއްވުނު މަހެވެ. އެ މަހަކީ އެ މަހެއްގައި ފަރުޟު ރޯދަ ހިފުން ޝަރުޢު ކުރައްވާފައި މާތް މަތިވެރި މައްސަރެވެ. އެ މަސް އައުމާއެކު ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވާލެވެ އެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެ އެވެ.
ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވި ނުބައި ނުލަފާ ޝައިޠާނުން ކަސްތޮޅު އެޅުވެ އެވެ. މުޅި ރަމަޟާން މަހަކީ ރަޙްމަތުގެ މައްސަރެކެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ.
{إِذَا كَانَ رَمَضَانُ ؛ فُتِّحَتْ أَبْوَابُ الرَّحْمَةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ } رواه مسلم 1079
“ރަމަޟާން މަސް (އަތުވެއްޖެ) ކަމުގައިވާނަމަ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެ އެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުވެ އެވެ.”
އެހެންކަމުން الله ގެ ރަޙްމަތަށް އެދޭ މީހާ މި މަހުގައި ހެޔޮ ކަންކަމުގައި ގަދައަޅައި މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލުތަކުގައި ހިވާގިވާށެވެ. ހެޔޮ ޢަމަލުތަކުގެ އެންމެ ކުރީގައި ހުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އެ އިލާހުގެ ރަޙްމަތުގެ ދޮރުކޮޅުތަކުން ވަނުމުގެ މަތިވެރި ނަޞީބު ލިބޭތޯ ހިތްވަރާ އެކު އަޅުކަމުގައި ފޯރިލާށެވެ.
الله ތަޢާލާ ރޮހިވޮޑިގަންނަވާ ފަދައިން އެ އިލާހުގެ ވަޖުފުޅު އަދައިގެން ރޯދަ ހިފައި ރޭ އަޅުކަންކޮށް ހެޔޮ ޢަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤު މި ރަމަޟާންމަހު އަޅަމެންނަށް ދެއްވާށި އެވެ!
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.