ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް އިވެނީ ތަރައްގީ ހުއްޓިފައިވާ ކަމުގެ ޝަކުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ހަނިމާދޫގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މިއަދު އެ ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވި ކަމަށާއި މިއަދުގެ ސަރުކާރުގެ ދައުރު ދެބައިވާންދާއިރު، ރަށްތަކުގެ ތަރައްޤީ މަޑުޖެހިފައި އޮތުމަކީ ހުރިހާ ދިމާލަކުން އިވުނު ޝަކުވާއެއް ކަމަށެވެ.
މި އިންތިޚާބަކީ ރަށުގެ ބާރުވެރިކަން ރަށަށް ގެނެސް، އަދި ސަރުކާރުގެ ނާގާބިލު ކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުން މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެމްޑީޕީން ބުނީ "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ބާއްވާ ކެމްޕޭން ލޯންޗިން ޖަލްސާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި 8:30 ގައި ކަމަށެވެ.
އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ މަހުގެ 16 ގައި ޕްރަމަރީއެއް ބާއްވާފަ އެވެ. ޕްރައިމަރީއަށް ފަހު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ ލީޑަޝިޕްގެ އެކި ބޭފުޅުން އަންނަނީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
އެޕްރީލް މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ އެވެ.