Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ހުއިފިލަނޑާ މައްސަލަ: ތަހުގީގު އޮފިސަރު ސަސްޕެންޑްކޮށްފި

ފުލުހުންގެ މައި އިދާރާ

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އިންވެސްޓިގޭޝަން އޮފިސަރު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ފުލުހުން ބުނީ 31 ޑިސެމްބަރު 2025ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރު މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށް އޭނާއާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ތަކެތި ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 1,438 ކިލޯގެ ހުއިފިލަނޑާގެ ތެރޭގައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަދި މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ބައެއް ނޫން ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާއިރު، ތަކެތީގެ އަސްލު ވެރިފަރާތް ކަނޑައެޅިގެން އެނގެން ނެތުމުން އެ ތަކެތި އެއްވެސް ފަރާތަކާ ހަވާލުކުރެވޭނެ ގާނޫނީ ހާލަތެއް ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ. ”ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު“ ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށް ޕީޖީގެ ލަފާގައިވެއެވެ.

ފުލުހުން ބުނީ މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތި ކަމަށްވާތީ، މުދަލުގެ އަސްލު ގެއްލިދާނެތީ އެ ތަކެތި ނީލަން ކިޔަން ނިންމީ ކަމަށެވެ. ނީލަން ކިޔައިގެން ލިބޭ ފައިސާ، ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މައްސަލަ ނިމުމުން އެ ފައިސާ ހަވާލުކުރާނީ މުދަލުގެ ވެރިފަރާތް ކަމަށް ކޯޓުން ކަނޑައަޅާ ފަރާތަކަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން މުދާ ހޯދުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އެހެންކަމުން، މުދާ ހަލާކުވިޔަ ނުދިނުމަށްޓަކައި ޕީޖީގެ ލަފާގެ މަތިން ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.