Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ތަރައްގީއަށް ސަރުކާރާއެކީ މަސައްކަތް ކުރާނެ ކައުންސިލެއް ބޭނުންވޭ

ތަރައްގީއަށް ސަރުކާރާއެކީ މަސައްކަތް ކުރާނެ ކައުންސިލެއް ބޭނުންވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މިހާތަނަށް ފެނުނު ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އާންމުކޮށް މީހުން ވޯޓުލާ މިންވަރު ވަރަށް ދަށް ކަމަށާއި އެގޮތުން މި އިންތިހާބުގައި ވޯޓުލަނީ ގާތްގަނޑަކަށް 30 ޕަސެންޓް މީހުން ކަމަށެވެ. އަދި ވޯޓުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ކިޔަނީ ތަރައްގީގެ ވާހަކަ. އަޅުގަނޑުމެން މި ކިޔަނީ ތަމައްދުނުގެ ވާހަކަ. މި ހުރިހާ ކަމެއް ކުރުމަށްޓަކާ އަޅުގަނޑުމެން އެބަ ބޭނުންވޭ އަޅުގަނޑުމެންގެ ސަރުކާރަކީ މަސައްކަތްކުރާނެ ރަނގަޅު ކައުންސިލެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ވޯޓުލާން ނުކުތުމަކީ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ރަށަށް އަންނަ ތަރައްގީގައި ކޮންމެ މީހެއްގެ ހިއްސާ އޮންނާނެ ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނިކުމެ، ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އެޕްރީލް މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ އެވެ.