Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީން ކުރަނީ

އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ އައްޑޫގައި މިދިޔަ އަހަރު ހުޅުވި ގަން އެއާ ސްޓޭޝަންގައި ގާއިމުކޮށްފައިވާ ޓްރެއިނިން ސެންޓަރުން ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތަމްރީން ކުރާނެ ޔޫއޭވީ ޕައިލެޓުން ހޮވާނީ ސިފައިންގެ ތެރެއިން އެކަމަށް ޝައުގުވެރިވާ މީހުން ކަމަށާއި މީހުން ހޮވުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ގައްސާން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އެއާ ސްޓޭޝަންގެ ގޮތުގައި ގަމުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސަދަން އޭރިއާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ހުޅިވީ ގަން އެއާ ސްޓޭޝަންގައި ޔޫއޭވީ ދުއްވަން ދަސްކުރާ ސިމިއުލޭޓަރު ހުރި ކަމަށާއި އެތަނުގައި ވަރަށް ފަސޭހައިން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި އެކުވެރި ޤައުމުތަކުގެ ތަޖުރިބާކާރު ބޭފުޅުން ރާއްޖެއަށް ގެނެސްގެން ވެސް ތަމްރީން ކޯސްތައް ކުރިއަށް ގެންދަން ރާވާފައުވާ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ސިފައިން ތައްޔާރު ވަނީ ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި. ބޭރުގެ ޤައުމުތަކުގައި ފަރުމާކޮށްފައިވާ ކޯސްތައް ހުންނާނީ އެ މާހައުލަކާ ގު ޅޭގޮތަށް. ނަމަވެސް މާނައަކީ ބޭރު ޤައުމުތަކުން ދަސްކޮށްގެން އަޅުގަނޑުމެންގެ އަމިއްލަ ޤައުމަށް އެކަން އެޑަޕްޓް ކުރެވޭނެ،" ގައްސާން ވިދާޅުވި އެވެ. "އެއީ އެންމެ ބޮޑަށް ސަމާލުކަން ދީގެން ކުރާނެ އެއްކަމަކީ. ބޭރުން ލިބޭ ތަމްރީންތައް ރާއްޖެ އަށް ބޭނުން ވާނެ ގޮތަށް ފަރުމާ ކުރުމަށް ފަހު ސިފައިން ތަމްރީން ކުރާނީ."

ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދު މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަވައިލެންސް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ދެހާސް ސަައުވީހުގައި ތައާރަފުކުރި އެއާ ކޯގެ ޚިދުމަތާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އަދި މިކަން ފުޅާ ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ދެވަނަ ދެވަނަ އެއާ ސްޓޭޝަން ށ. ފުނަދޫގައި އަންނަނީ ގާއިމު ކުރަމުންނެވެ.

ގަމުގައި ހުޅުވި ވައިގެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ގާއިމުކޮށްފައިވެ އެވެ. އެއާ ކޯގެ ޓީބީ-2 އެއާކްރާފްޓްތައް އުދުހުމަށް ޚާއްޞަވެފައިވާ އެއާ ސްކޮޑްރަން-2 ގެ އެ އެއާ ސްޓޭޝަން ފަރުމާކޮށްފައި ވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްޤީ ކުރެވޭ ގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.