Last Updated: June 5, 22:30
Friday, June 5, 2026

ރަންބީރް ކަޕޫރް ލީޑް ކުޅޭ ގޮތަށް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ކުރިން އަޑު އަރާފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 'ދޫމް' ފްރެންޗައިޒް ހަތަރު ވަނަ ވައި މިހާރު އޮތީ ވާނުވާގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަށް ރަންބީރް ސޮއިކުރި ވާހަކަ 2024 އިން ފެށިގެން ދެކެވެމުން ދިޔަ ނަމަވެސް، މިއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން އޭނަ 'ދޫމް 4' އަށް ސޮއެއް ނުކުރެ އެވެ. އަނެއްކޮޅުން ފިލްމަށް އަދި ރަސްމީކޮށް ސްކްރީންޕްލޭއެއް ވެސް ނެތެވެ.

އެކަމަކު ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި 'ދޫމް 4' ގެ ސްކްރީންޕްލޭ، ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ވާހަކައަކަށް ލިޔަނީ ޝްރީދާރު ރަގްވަން އެވެ. އޭނަ އަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމުތައް ކަމަށްވާ ރިތިކް ރޯޝަންގެ "ވޯ 2" ގެ އިތުރުން ޝާހްރުކް ޚާންގެ "ޕަތާން" ގެ ވެސް ސްކްރީން ރައިޓަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަދިތިޔާ ވަނީ 'ދޫމް 4' އަށް މިހާތަނަށް ލިޔުނު ނުވަ ސްކްރިޕްޓެއް ކަމުނުގޮސްގެން ދޫކޮށްލައިފަ އެވެ.

އެހެންވެ ފިލްމަށް ސްކްރީންޕްލޭއެއް ފައިނަލްކޮށްފައި ނުވާ އިރު، ފިލްމުގެ ޑައިރެކްޝަން ހަވާލު ކުރާނެ މީހަކު ވެސް އޮތީ ސުވާލުތަކެއްގަ ތެރޭގަ އެވެ. ކުރިން އަޑު އަރާފައިވާ ގޮތުން އެ ފިލްމު ޑައިރެކްޓްކުރާ ގޮތަށް އޮތީ "ވޯ 2" ގެ ޑައިރެކްޓަރު އަޔާން މުކަރްޖީ އެވެ.

ރަންބީރްގެ ބެސްޓްފްރެންޑްގެ ގޮތުގައި ފާހަގަކޮށްލެވޭ އަޔާން ވަނީ އޭނަ ހިމަނައިގެން ތިން ފިލްމެއް ވެސް ހަދައިފަ އެވެ. އެއީ 2022 ގެ "ބުރައްމަސްތުރާ" އާއު 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން 2011 ގެ "ވޭކަޕް ސިދު" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޔާން ލައްވައި "ދޫމް 4" ހެދުވުމުގެ ހިޔާލު ވައިއާރްއެފުން ދޫކޮށްލީ "ވޯ 2" އަށް ލިބުނު ފިނި ތަރުހީބާ ގުޅިގެންނެވެ.

ކޮންމެއަކަސް މި ފިލްމާ ބެހޭ ގޮތުން މިހާރު ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާ އިރު، އެހާ އަވަހަކަށް "ދޫމް 4" އާ ގުޅޭ އެއްވެސް ޚަބަރެއް ރަސްމީކޮށް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އަދި މިއާ ބެހޭ އެެއްވެސް ވާހަކައެއް ވައިއާރްއެފުން މިހާތަނަކަށް ނުވެސް ދައްކަ އެވެ.

"ދޫމް" އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒެވެ. މީގެ ފުރަތަމަ ދެ ބައި ކަމަށްވާ 2004 ގެ "ދޫމް" އާއި 2006 ގެ "ދޫމް 2" ޑައިރެކްޓްކުރީ ސަންޖޭ ގަދުވީ އެވެ. އަދި 2013 ގެ "ދޫމް 3" ޑައިރެކްޓްކުރީ ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ.

"ދޫމް" ފްރެންޗައިޒަކީ އޭގެ ވިލަން ލީޑްކުރާ އެއްޗެކެވެ. އެގޮތުން ފުރަތަމަ ބައިގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. ދެވަނަ ބައިެ ވިލަން އަކީ ރިތިކް ރޯޝަނެވެ. އަދި ތިން ވަނަ ބައިގެ ވިލަން އަކީ ޑަބަލް ރޯލެއް ކުޅުނު އާމިރު ޚާނެވެ. މި ފިލްްމުތަކުގައި ވިލަން އަތުލައިގަންނަން މަސައްކަތް ކުރަނީ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ އެވެ.

ރަންބީރާ އެކު "ދޫމް 4" ހަދަން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ "ރާމާޔަން" އެވެ.