ހަތިޔާރު އެޅި މީހަކު ތައިލޭންޑްގެ ސްކޫލަކަށް ވަދެ، ޕްރިންސިޕަލް މަރާލައިފި އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުގެ ދެކުނުގެެ ސިޓީއެެއް ކަމަށްވާ ހަޓް ޔައީގެ ޕެޓޮންގް ޕްރަތާން ކީރިވަތު ސްކޫލްގެ ޕްރިންސިޕަލް ސަސިޕަތު ސިންސަމޯސޯން މަރުވީ އިއްޔެ ހަވީރު ބަޑިން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ހަތިޔާރު އަޅައިގެން ސްކޫލަށް ވަދެ ހަމަލާ ދިނީ 18 އަހަރުގެ ޒުވާނެކެވެ. އޭނަ ދިން ހަމަލާތަކުގައި ވަޒަން އަރައިގެން އަންހެން ދަރިވަރަކަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންް އަންނަ އިރު، ހަމަލާ ދިން ވަގުތު ސަލާމަތްވާން ސްކޫލެއްގެ ކުޑަދޮރަކުން ފުންމާލި ދަރިވަރަކަށް ވެސް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.
ތައިލޭންޑްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ސްކޫލަށް ވަދެ ހަމަލާ ދިން ޒުވާނާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނަ އަތުލައިގަނެގުނީ ދެ ގަޑިއިރުގެ މަސައްކަތުން ކަމަށެވެ.
މީޑިއާތަކުން ބުނީ އެ ޒުވާނާ ސްކޫލަށް ވަދެ ހަމަލާދިން ސީދާ ސަބަބެއް އަދި ސާފު ނުވާ ކަމަށާއި އެކަމަކު މިއީ ސްކޫލްގެ ޓީޗަރަކާ މެދު އޭނަ އަށް ރުޅިވެރިކަމެއްގެ ސަބަބުން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.