Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ޖާންވީ ތަމަޅަ ސީރީޒެއް ކުޅެނީ

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ތަމަޅަ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޭނަ ސޮއިކުރީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު ޕާ ރަންޖީތު ނެޓްފްލިކްސްއާ ގުޅިގެން ހަދަން ހަމަޖެހިފައިވާ ސީރީޒަކަށް ކަމަށެވެ. އަންހެނެއްގެ ވާހަކައަކަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ސީރީޒަށް ޖާންވީ ސޮއިކުރީ 20 ކްރޯޑް ރުޕީސް (2.2 މިލިއަން ޑޮލަރު) އަށެވެ.

ޖާންވީ ތަމަޅަ ސީރީޒަކަށް ސޮއިކުރި އިރު، އޭނަ އަކީ އިންޑިއާގެ ދެކުނު ފިލްމުތަކުން ވެސް ފުރުސަތު ލިބެމުން އަންނަ ބަތަލާއެކެވެ. އެގޮތުން ޖާންވީގެ ފުރަތަމަ ދެކުނުގެ ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާއާ އެކު ކުޅުނު 2024 ގެ 'ދޭވްރާ: ޕާޓް 1' އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ވެސް ތެލެގޫ ފިލްމަކުންނެވެ. އެއީ މަޝްހޫރު އެކްޓަރު ރާމް ޗަރަންއާ އެކު ކުޅުނު 'ޕެއްޑީ' އެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އެޕްރީލް މަހުގެ 30 ގަ އެވެ.

ޖާންވީ ދެކުނުގެ ޕްރޮޖެކްޓްތަކަށް ވެސް ވަގުތު ދެމުން އަންނަ އިރު، އޭނަގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް ދެކުނުގައި ވަރަށް ނުފޫޒު ގަދަ ބަތަލާއެކެވެ. އެގޮތުން ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ފިލްމުތަކެއް ވެސް އޭނަ ކުޅެފައިވެ އެވެ.

ސްރީދޭވީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފު ޖާންވީ، 28، ގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދިން 'ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ' އެވެ. އޭނަގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އިރު އޭގެ ތެރެއިން 'ހޯމްބައުންޑް' އަކީ މި އަހަރުގެ އޮސްކާ އަށް އިންޑިއާ އިން ފޮނުވި ފިލްމެވެ.

ޖާންވީގެ މިދިޔަ އަހަރުގެ 'ޕަރަމް ސުންދަރީ' އަކީ ބެލުންތެރިންގެ ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.