Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

އެޕްސްޓީނާއި ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރުން!

އޭތީސްޓުން ނުވަތަ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މީހުން ބުނަނީ ކާއިނާތުގައި މިހިނގާ ހުރިހައި ކަމެއް މި ހިނގަނީ އެއްވެސް މަތީ ފަރާތެއްގެ ބާރެއް ނުވަތަ ޑައިރެކްޝަނެއް ނެތި "ރޭންޑަމް" ކޮށް ކަމަށެވެ. މިއީ އެޓަމް ނުވަތަ ޒައްރު ތަކެއްގެ އެއްވުމާއި ވަކި ވުން ތަކެެއް ކަމުގައެވެ. އެމީހުންގެ ނަޒަރުގައި ރަނގަޅާއި ނުރަނގަޅަކީ އޭގައި އެއްވެސް ބިންގަލެއް އޮތް އެއްޗެއް ނޫނެވެ. އެއީ ޚިޔާލީ އެއްޗެކެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ މީހުންގެ ކައިރީގައި "އޮބްޖެކްޓިވް މޮރާލިޓީ" ނުވަތަ ދާއިމީ އަޚްލާގީ މިންގަނޑެއް ނޯންނާނެއެވެ.

ދުނިޔޭގައި ދީނެއްގެ ގޮތުގައި، އެއްކައުވަންތަ އިލާހަށް އީމާންވެ އެއިލާހު އެންގެވި ގޮތަށް އުޅޭ ނިޒާމެއްގެ ގޮތުގައި އޮތީ ހަމައެކަނި އިސްލާމް ދީނެވެ. މުސްލިމުންގެ ޢަގީދާޔަކީ ނެތުމުގެ ތެރެއިން ކާއިނާތު ވުޖޫދަށް ގެންނެވީ ފެށުމެއް ނެތި އިސްވެ ވޮޑިގެންވާ، އެކާއިނާތުގެ ހުރިހައި ކަމަކުން މުސްތަޤިއްލު ވެ ވޮޑިގެންވާ އެއްކައުވަންތަ އިލާހެވެ.

ރަނގަޅާއި ނުރަނގަޅު ކަނޑައަޅުއްވަނީ އެ އިލާހެވެ. މުސްލިމުން ގަބޫލުކު ރަނީ، އިންސާނީ ބުއްދިއަށް ހެވާއި ނުބައި ވަކިކުރަން އެނގުނުކަމުގައި ވިޔަސް، ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ބިނާވެގެންވަނީ ﷲ ﷻ ގެ އެންގެވުން ތަކުގެ މައްޗަށް ކަމަށެވެ.

މީގެ ސަބަބުން، އަޚްލާގީ މިންގަނޑުތަކަކީ ކޮންމެ މީހަކު އަމިއްލައަށް ދެކޭގޮތް ނުވަތަ "ސަބްޖެކްޓިވް" އެއްޗަކަށް ވުމުން ޙިމާޔަތްކޮށްދެއެވެ. އަދި ވެރިކަންކުރާ ބާރުވެރި ފަންތީގެ މީހުންގެ އަމިއްލަ އެދުމުގެ މައްޗަށް ބިނާކޮށް، ނުވަތަ ގިނަ ބަޔަކު (އަޣުލަބިއްޔަތަށް) ވަކި ގޮތަކަށް ބޭނުން ވާތީ، ހެޔޮނުބައިގެ މިންގަނޑުތައް ބަދަލުވަމުންދިއުމުން މުޖުތަމަޢު ސަލާމަތްކޮށްދެއެވެ.
ދީނާއި ދެކޮޅު އޭތީސްޓުން ދަޢުވާ ކުރަނީ ހެވާއި ނުބައި ހަމައެކަނި އިންސާނީ ބުއްދީގެ ބޭނުން ކޮށްގެން ހޯދޭނެ ކަމަށެވެ. އެމީހުން ދީނަށް ހަޖޫ ޖަހައެވެ. އެމީހުން އެންމެ ރުޅި އަންނަނީ އިސްލާމް ދީން ދެކެއެވެ.

ސަބަބަކީ ދީނެއްގެ ގޮތުގައި އިންސާނުން އުޅޭ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އެމީހުން ދީނީ އުޞޫލު ތަކާއި ދީނީ އަޚުލާގިއްޔާތަށް މަލާމާތް ކުރެއެވެ. އަދި ތިމާމެންނަކީ ދީނުގެ ކަސްތޮޅު ތަކުން މިނިވަންވެ ތިބި، މާ ހަމަޖެހޭ، ބޯ ރަނގަޅު، އަދި އަޚުލާގީ ގޮތުންވެސް މާ ކުރީގައި ތިބި ބައެއް ކަމުގައި ދަޢުވާ ކުރެެއެވެ.

މިޒަމާނުގެ އޭތީސްޓު އިންޓެލެކްޗުއަލް ނުވަތަ "ޢިލްމީ" މީހުންގެ ތެރޭގައި އެންމެ ކުރީ ސަފުގައި ފާހަނގަ ކޮށްލެވޭނީ ޕްރޮފެސަރު ސްޓެފަން ހޯކިން އާއި އޭތީޒަމްގެ "ހަތަރު އަސްވާރުން" ("ދަ ފޯ ހޯސްމެން") ގެ ނަމުން ނަން ދެވިފައިވާ 4 މީހުންނެވެ. އެއީ ރިޗަޑް ޑޯކިންސް އާއި، ސޭމް ހެރިސް އާއި، ޑެނިއަލް ޑެނެޓް އާއި ކްރިސްޓޮފަ ހިޗެންސް އެވެ. މިއީ އޭތީސްޓު ޒުވާނުން އެބައެއްގެ ފޮތްތަކާއި، ތަގުރީރު ތައް ދިރާސާކޮށް، އެބަޔަކަށް ތަބާވާ އޭތީޒަމްގެ އެންމެ ބޮޑެތި އިމާމުންނެވެ. އެހެންވީމާ މިފަސްމީހުން ވާނީ ނިކަން ބޯ ހަމަޖެހޭ، އަޚުލާގު ރަނގަޅު، ގޮތުގައި ތިބޭ މީހުނަށްތާ އެވެ.

ނަމަވެސް މީމީހުންނަށް އީމާންވެގެން އުޅޭ މީހުންތައް މިއަދު ބޮލާ ފޮށާ އަޅަން ޖެހިއްޖެއެވެ. އެއީތޯ އެވެ؟ މި 5 އިމާމުންގެ ތެރެއިން 4 އިމާމުން މިއޮތީ މިޒަމާނުގެ ދުނިޔެ ދުށް އެންމެ ދަށް ފެންވަރުގެ، އެންމެ ފަކުރުވެރި، އެންމެ ނުބައި ބްލެކް ލިސްޓަށް އަރާފައެވެ.

އާދެ! މަޝްހޫރު އެޕްސްޓެއިން ފައިލް ގެ ލިސްޓެވެ. އަތުން ފައިން އެއްވެސް ޙަރަކާތެއް ނުކުރެވޭ، ގޮނޑީގައި އެނދުމަތި ވެފައި އިންނަވާ (2018 ގައި ނިޔާ ވެފައިވާ) ޕްރޮފެސަރ ސްޓެފަން ހޯކިން ވެސް ވަނީ އެޕްސްޓެއިން ގެ ލިސްޓުގައެވެ. 4 އަސްވާރުންގެ ތެރެއިން 3 އަސްވާރުން ވަނީ އެޕްސްޓެއިން އާއި ގާތް ގުޅުން ބާއްވާފައެވެ. 4 އަސްވާރުންގެ ތެރެއިން އެޕްސްޓެއިންގެ ފައިލުންނާއި، ކާމޭޒުންނާއި، އޭނާގެ ޖަޒީރާއިން ޖާގަ ނުހޯދުނީ އެންމެ މީހަކަށެވެ. އެއީ ކްރިސްޓޮފަރ ހިޗެންސް އެވެ. އެފަކީރަށް އެފުރުޞަތު ނުލިބުނީ އޭނާ މާކުރިން (2011 ގައި) މަރުވެފައި ވާތީއެވެ. އޭތީޒަމްގެ އެންމެ މުހިންމު އެހެން ސަރުދާރެއް ކަމަށްވާ ލޯރެންސް ކްރައުސް ވެސް ވަނީ އެޕްސްޓީންއާ ގާތް ގުޅުމެއް ބާއްވައިފަ އެވެ.

މޯރަލިޓީ އާއި އަޚުލާގިއްޔާތަށް ދަޢުވާ ކުރާ ލާދީނީ މުލްޙިދުންގެ އެންމެ ބޮޑެތި އިމާމުން އުޅެމުން މި ދިޔައީ އިންސާނީ ވަގުފާރި ކޮށް، ކުޑަކުދިން ރޭޕް ކޮށް، އެކުދިން މަރާ ހަދަމުން އަންނަނިކޮށް މިޒަމާނުގެ ދުނިޔޭގައި މިހާތަނަށް ފަޅާއެރި އެންމެ ނުބައި މީހާގެ ގާތް "ބަޑީން" ގެ ގޮތުގަ އެވެ.

މިއިން ސާފުކޮށް އެނގޭ އެއްޗަކީ އިލާހީ މިންގަނޑުތައް ގަބޫލު ނުކުރާ ބައެއްގެ އެއްވެސް މޯރަލިޓީ އެއް ނުވަތަ އަޚުލާގިއްޔާތެއް ނޯންނާނެ ކަމެވެ. ބޭރުފުށަށް މާ ރަނގަޅު ބައެއް ކަމުގައި ދެއްކިގެން އުޅުނަސް ޙަގީގަތަކީ އެއެއް ނޫން ކަމެވެ. އެމީހުންގެ އެއްވެސް މޯރަލިޓީ އެއް އޮންނާކަށް ނުވެސް ޖެހެއެވެ. ސަބަބަކީ އެމީހުންގެ ނަޒަރިއްޔާގައި އިންސާނުންނަކީ އެއްވެސް މަޤްސަދެއް، މާނައެއް ނެތް އެޓަމް ތަކެކެވެ. އިންސާނުންނަކީ ފުރާނަ އެއް ލެއްވިގެންވާ، މާތް ކަމަކާއި ކަރާމަތެއް ދެއްވިގެންވާ މަޚުލޫގެއް ކަމުގައި އެމީހުން ގަބޫލު ކުރާކަށް ނުޖެހެއެވެ.

އެހެން ގަބޫލު ކުރާ ނަމަ އެއީ އެމީހުންގެ ދީނާއި ޢަޤީދާއާއި ޚިލާފް "ބިދުޢަ ވެރި" ވިސްނުމެކެވެ. އޭތީޒަމްގެ އެންމެ އަސާސީ ނަޒަރަކުން ބަލާއިރު އަތިރި މަތީގައި ހުރި ވެލިފުންޏެއް ފައިން ޖަހައި ވިއްސިވިހާލި ކޮށްލުމެކޭ، ކުޑަ ކުއްޖަކު މަރާލުމެކޭ ޙަގީގަތުގައި އެއްވެސް ތަފާތެއް އޮވެގެން ނުވާނެއެވެ. އެއީވެސް އެއްވެފައި ހުރި އެޓަމް ތަކެކެވެ. މިއީވެސް އެއްވެފައި ހުރި އެޓަމް ތަކެކެވެ.

​އޭތީސްޓުންނާއި ލާދީނީ ފަލްސަފާވެރިން ހެވާއި ނުބައި ވަކިކުރުމަށް ބޭނުންކުރާ އެންމެ އާންމު އެއް އުޞޫލަކީ "ޔުޓިލިޓޭރިއަނިޒަމް" އެވެ. މިއީ އެއްވެސް އިލާހީ އެންގެވުމަކަށް ބެލުމެއް ނެތި، ހަމައެކަނި އެވަގުތަކު މުޖުތަމަޢަށް އެންމެ ބޮޑު "މަންފާއެއް" ނުވަތަ "އުފަލެއް" ލިބޭ ގޮތަކީ އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކުރުމެވެ. މި ވިސްނުމުގައި، ކަމެއްގެ ހެޔޮނުބައިކަން ބިނާ ވަނީ އެ
ކަމަކުން ނުކުންނަ މާއްދީ ނަތީޖާއަށެވެ.

ނަމަވެސް، މި ފަލްސަފާގެ ބާޠިލްކަން މިއަދު މި ވަނީ ހާމަވެފަ އެވެ.

މި ފަލްސަފާ ބުނާގޮތުން، ގިނަ ބައެއްގެ މަންފާއަށްޓަކައި މަދު ބައެއްގެ ނުވަތަ އެކަކުގެ ޙައްގުތައް ޤުރުބާންކޮށްލުމަކީ މައްސަލައެއް ނޫނެވެ. އިންސާނަކީ ﷲ ﷻ މާތްކުރައްވާފައިވާ މަޚްލޫގެއް ކަމުގައި ބެލުމުގެ ބަދަލުގައި، ހަމައެކަނި "ބޭނުންތެރި އެއްޗެއް" ނުވަތަ "ޓޫލްއަކަށް" ބަދަލުވެގެންދެ އެވެ.

"މަންފާ" އަކީ ކޮބައިކަން ކަނޑައަޅަނީ ކޮން ބައެއް ހެއްޔެވެ؟ މިއަދު މަންފާހުރި ކަމެއް ކަމަށް ބަޔަކު ދެކޭ ކަމަކާއިމެދު މާދަމާ އެހެން ބަޔަކު ދެކޭގޮތް ބަދަލުވެދާނެއެވެ. މިއީ އެއްވެސް ބިންގަލެއް ނެތް، އޮޔާދާ ކުނިކޮޅެއް ފަދަ މިންގަނޑެކެވެ. ބާރުވެރި ފަންތީގެ މީހުން އެމީހުންގެ އަމިއްލަ އެދުމަށްޓަކައި، ނުބައި ކަންކަމަކީ "މުޖުތަމަޢަށް ފައިދާ ހުރި" ކަންކަން ކަމުގައި ލޭބަލް ޖަހައިގެން ހިންގުމުގެ ފުރުސަތު މި ފަލްސަފާއިން ހުޅުވައިދެ އެވެ.

​އިސްލާމް ދީން މިފަދަ ނުރައްކާތެރި ފަލްސަފާތައް ރައްދު ކުރެ އެވެ. މުސްލިމުން ގަބޫލު ކުރަނީ، މައިގަނޑު ހެވާއި މައިގަނޑު ނުބައި ކަނޑައަޅަނީ އިންސާނާގެ ވަގުތީ އުފަލަކަށް ނުވަތަ މަންފާއަކަށް ބަލައިގެން ނޫން ކަމަށެވެ. އެކަން ކަނޑައަޅުއްވަނީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ﷻ އެވެ. އެކަލާނގެ ނަހީކުރެއްވި ކަމެއްގައި އެއްވެސް ޙަގީގީ މަންފާއެއް ނުވެ އެވެ. އަދި އެކަލާނގެ އަމުރު ކުރެއްވި ކަމެއްގައި މެނުވީ ޙަގީގީ ފަލާޙެއް ނެތެވެ. އިންސާނީ މުޖުތަމަޢުގެ މަސްލަޙަތަށްޓަކައި އިސްލާމީ އުޞޫލު ތަކާއި އިންތަކުން ބޭރު ނުވާ ގޮތަށް ގާނޫނުތަކާއި ޤަވާޢިދުތައް ހެދުމަކީ އެއްވެސް މަސްއަލައެއް ނޫނެވެ.

މި ހިނގައި ދިޔަ ކަންތަކުން އެނގުނު އަނެއް ކަމަކީ މި ޒަމާނުގެ އޭތީސްޓުންގެ އެންމެ ބޮޑެތި މީހުން ﷲ ﷻ ފަޟީޙަތް ކުރެއްވި ގޮތެވެ. މިއަދު އެމީހުން އެތިބީ ދުނިޔޭގެ އެންމެހައި އިންސާނުން ފަކުރުން ކުޅު ޖަހަންވެސް ނުކެރޭނެ ފަދަ ނުބައި، މުޑުދާރު ލޭބަލެއް ޖެހިފައެވެ. އެއިން މީހަކު މަގުމަތިން ފެނުނަސް މީހުން ބުނާނެއެވެ. މިއީ އެއްކަލަ "އެޕްސްޓެއިން ފައިލް" ގައި އުޅުނު މީހާއެވެ. ދުނިޔޭގައިވެސް ބަޔަކު ނިކަމެތި ވާނީ މިވަރަށެވެ. އެމީހުން ކުރި "މޯރަލިޓީ" އާއި އަޚުލާގިއްޔާތު" ގެ ދަޢުވާ އެވަނީ އެމީހުންގެ މައްޗަށް ރައްދު ކުރެއްވެވި އެއިން އެމީހުންގެ މޫނުމަތީގައި ތަފާލެއް ޖެހިފަ އެވެ. އެމީހުން ދުނިޔޭގައި އުޅޭ ކޮންމެ ދުވަހަކީ އެތައް މަރަކުން މަރުވާނޭ ދުވަހެކެވެ.

މިވަގުތު ހިތަށް އަންނަނީ އަންފާލް ސޫރަތުގެ 37 ވަނަ އާޔަތުގައި މަތިވެރި ﷲ ﷻ ވަޙި ކުރައްވާފައިވާ މި ޢިބާރާތެވެ:

"لِيَمِيزَ اللَّهُ الْخَبِيثَ مِنَ الطَّيِّبِ…"

"އެއީ ނުބައިމީހާ އާއި ރަނގަޅުމީހާ ވަކިކުރެއްވުމަށްޓަކައެވެ."

މިއީ ދީނަށް (ދީނަކީ ހަމައެކަނި އިސްލާމް ދީން) ދެއްވި ނަޞްރެކެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން އައި އޭތީސްޓުންނާއި، އިންސާނީ ޙައްގު ތަކުގެ ލޭބަލް ތަތްކޮށްގެން ތިބި ހުޅަނގުގެ ބޮޑެތި ބޮޑެތި ސިޔާސީ އިންނާއި ނުފޫޒުގަދަ އެތައް ބައެއްގެ ޙަގީގަތް ފަޅާއެރުމުގެ ސަބަބުންނެވެ. އެފަދަ މީހުން މިއަދުވެސް ބޮޑެތި މަގާމް ތަކާއި ބޮޑެތި ގަނޑުވަރު ތަކުގައި އުޅުނަސް ޙަގީގަތުގައި ދުނިޔޭގެ މީހުން އެވަނީ އެމީހުން ކުނި ގޮނޑަށް އުކާލާފައެވެ. އެމީހުނަށް ދުނިޔޭގައިވެސް އޮތީ ލަދުވެތި ކަމެވެ.

މިއީ އިސްލާމް ދީނުގެ ރޭޝަނަލް ނުވަތަ ހަމަބުއްދިއަށް ފެތޭ ޢަގީދާއާއި ޝަރީޢަތުގެ މަތިވެރިކަން އަލުން ދިރާސާކޮށް އަލުން ދީނަށް ރުޖޫޢަ ވާންވީ ވަގުތެވެ. އިސްލާމް ދީނަށް ތަޙައްދީ ކޮށް ނިކުތް އޭތީޒަމްގެ ޚަބަރުވެސް ޒުވާނަކު ބަލާލަން ބޭނުން ވެދާނެއެވެ. ނަމަވެސް، އޭތީޒަމްގެ އުސްތާޛުންނާއި މިއަދު ބައްދަލު ވާނީ ކުނި ގޮނޑުންނެވެ. އެންމެ ވަސް ނުބައި، ފުޅަ އަޅާފައިވާ އެޕްސްޓީންގެ ގޮނޑުންނެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.