މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭގެ ސައިޓް އޭ އިން 116 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވި ކޮށް ފެށީ، މިދިޔަ ޑިސެމްބަރު މަހު އެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ ރަސްމާލެ ސައިޓް އޭ ގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 84 އިންސައްތަ ކަމަށެވެ.
ރަސްމާލެ ހިއްްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މުޅި ދުނިޔޭއިންވެސް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޯބަލް ކޮލޯން' ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.