Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޖަޕާނުގެ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތު ކުރަނީ

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން، ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް“ގެ އަމަލީ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ފެށުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމު މުހައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން އެވެ.

މި މަޝްރޫއުގެ އަގު 70.8 މިލިއަން ރުފިޔާއަށް އަރާއިރު، އެއް އަހަރާއި ހަތަރު މަސްދުވަހުގެ ތެރޭގައި މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށި މަރާމާތުކޮށް އަލުން ތަރައްގީ ކުރާނެއެވެ.