އއ. ތޮއްޑު އަށް މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ތޮއްޑު އަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވަނީ ބައިވެރިވެފަ އެވެ.
ތޮއްޑު އަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ހަފްތާއަކު ދެ ދުވަހު ބާއްވާނެ އެވެ. ސީޕްލޭންގެ ޚިދުމަތާއެކު ތޮއްޑޫގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ތޮއްޑު އަށް ސީޕްލޭންގެ ހިދުމަތް ފެށުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދަކީ ތޮއްޑޫގެ ރައްޔިތުންނަށް ނުހަނު އުފާވެރި ދުވަހެއް ކަމަށާއި މިއަދު ރަސްމީކޮށް މިފެށި ސީޕްލޭން ދަތުރުތަކުގެ ސަބަބުން، ރަށާއި އަތޮޅުގެ ޓޫރިޒަމަށް ފައިދާކުރާނެ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ވައިގެ މަގުން ދަތުރު ކުރުމުގެ ލުއި ފަސޭހަކަން ވެސް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވިއަނުން މީގެ ކުރިން ވަނީ ނ. ވެލިދު އާއި ބަ. ކަމަދު އަށް ވެސް ސީޕްލޭންގެ ހިދުމަތް ފަށައިފަ އެވެ.