ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހެދި ޖިމް، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކަމަނާ ވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހަރަކާތްތެރިކޮށް އުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރަށުގައި މިފަދަ ޖިމެއް ހުޅުވުމަކީ މިކަމަށް ލިބިގެންދިޔަ ބާރެއް ކަމަށް ފާހަގަ ކުރައްވައިފަ އެވެ.
ކުޑަހުވަދޫގައި ހުޅުވި ޖިމަކީ ޢާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ސާޖިދާ ވަނީ މި ޖިމްގެ ބޭނުން ހުރިހާ ފަރާތްތަކުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކަމަނާ ވަނީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ އެހެން ކޮމެޓީތަކުން މިކަން ނަމޫނާއަކަށް ބަލައި މިފަދަ ކޮމެޓީތަކުގެ މުހިންމުކަމާއި އެ ބޭފުޅުން ކުރައްވާ ހިތްވަރުގަދަ މަސައްކަތްތަކަށް ހިތްވަރު ދެއްވައި ތައުރީފު ވެސް ކުރައްވައިފަ އެވެ.
ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާ ގެ މެމްބަރު ޙުސައިން ޙަމީދު އަދި ކުޑަހުވަދޫ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.