އެމެރިކާގެ ޓައިމް މެގަޒިންގެ މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފި އެވެ.
މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޑަބްލިއުއެޗްއޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސް މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
އަދި ރާއްޖެއާއެކު އޮތް ވަރުގަދަ ގުޅުން ކުރިއަށް ގެންދިއުމަށް އުންމީދުކުރާ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.
އެގޮތުން ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ސިޔާސަތުތައް ފާހަަގަކުރި އެވެ.
ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މިދިޔަ އަހަރު އެވޯޑެއް ވެސް ވަނީ އަރުވައިފަ އެވެ.